މުޖުތަމައު ބައިބައިކުރާން ނިކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ހުކުރު ޚުތުބާގައި ވަސިއްޔަތްކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، “ސަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު” މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ، ކީރިތި ރަސޫލާއަށް ފަހު، އަހަރެމެން އެންމެ ލޯބިކުރަނީ އާލުބައިތުންނާއި ސަހާބިންނަށް ކަމަށެވެ. އެގޮތުން، މިދިޔަ ޒަމާންތަކުގައި ޢިލްމުވެރިން ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދާފަ ނުވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
“މީހަކު ރަސޫލާގެ އަސްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފިނަމަ ފަހެ ދަންނާށެވެ! ހަމަކަށަވަރުން އެއީ ޒިންދީޤެވެ. އެހެނީ ހަމަކަށަވަރުން އަހަރުމެންގެ ގާތުގައި ކީރިތި ރަސޫލާއަކީ ހައްޤު ރަސޫލާއެވެ. އަދި ޤުރުއާނަކީ ހައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރުއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލާގެ އަސްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި، ޤުރުއާނާއި ސުންނަތް ނެތިކޮށްލުމަށެވެ. އެހެންކަމުން ޤަދަރު ނެތް ބަޔަކީ، އެ ބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ. އަދި އެބައިމީހުންނަކީ ޒިންދީޤުންނެވެ”. ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވަނީ، އެ ބޭކަލުންނަށް ލޯބިވެ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފާ، ބަޔަކަށްވުމަށް ގޮވާލާފައެވެ. އޭގެއިތުރަށް، މާތް ﷲ ރުހިވޮޑިގެންނެވި ބަޔަކަށް ރުހެން ޖެހޭނެ ކަމާއި އެ ބޭކަލުން މަތިވެރިކުރަން ޖެހޭނެ ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އަސްހާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި، އިސްލާމްދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވަނީ، މުސްލިމުންގެ ޢަޤީދާއިން ފައި ކައްސައިލައިފި ނަމަ، ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ ކަމަށެވެ. އަދި، މުޖުތަމައު ބައިބައިކުރާން ނުކުންނަ އެއްވެސް މީހަކަށް ފުރުޞަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.