English Edition
Dhivehi Edition

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތްނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބިފައިވާ ފްލެޓް ނުގެއްލޭނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިގޮތަށް ބަދަލު ގެންނަން ނިންމީ ފްލެޓް ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށް ބުނެ ވުޒާރާއިން އާއްމު ކުރި އުސޫލަށް، އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާތީކަމަށެވެ.

މިދިޔަ މޭ މަހުގެ 29ވަނަ ދުވަހު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ލިބޭނީ ބިންވެރިޔާގެ ދަށުން ގޯތި ލިބިފައިވާ އަނބިމީހާ ނުވަތަ ފިރިމީހާގެ ތެރެއިން ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް، ރޭ ކުރި އިއުލާނެއްގައި އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ނިންމުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ވިދާޅުވީ ބިންވެރިޔާ ސްކީމުގެދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފަވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފަވާ ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، އުސޫލަށް ގެނައި ބަދަލަށް ޢަމަލު ނުކުރަން ނިންމާފަވާކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، ނޮވެމްބަރު 15، 2023ގައި އާންމުކުރި ފްލެޓު ލިސްޓުގައި ވާ އެއްވެސް ފަރާތަކަށް، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ސަރުކާރުން މިހާރު ދަނީ 4000 ހައުސިން ޔުނިޓް ހަވާލުކުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެއެވެ.