English Edition
Dhivehi Edition

“ފްރޮމް މޯލްޑިވްސް” މި ބްރޭންޑްގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ގޮންޖެހުމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

“ފްރޮމް މޯލްޑިވްސް” އަކީ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑެކެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙް ކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ޑރ މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފް އެއް ދައްކަންޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރުވެސް، ޚާއްސަކޮށް ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މިއީ މި އިފްތިތާހްކުރި ރާއްޖޭގެ ހާއްސަ ބްރޭންޑް “ފްރޮމް މޯލްޑިވްސް” މުހިންމުވާ އެއް ސަބަބުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ ޕްރޮޑަކްޓަކަށް ރާއްޛޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.