English Edition
Dhivehi Edition

މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައްވި 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.

ވެންޓިލޭޓަރުން ނެގި ނަމަވެސް އޭނާއަށް އަދި ވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިދިޔަ އާދިއްތަދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި، ހިނގި މި އެކްސިޑެންޓްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އެއީ 40 އަހަރުގެ ފިރިހެން މީހާގެ އިތުރުން އެ ހާދިސާގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއެވެ.

މި ހާދިސާގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ހޮސްޕިޓަލަކުން ނުދެއެވެ.

ފިރިހެން މީހާއަށް އަނިޔާވީ މަގު ހުރަސްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. އޭނާ ގައިގައި ސައިކަލުން ޖެހުނީ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ކަފިހި ހުރަހުން މަގުގެ އަނެއް ފަރާތަށް ދިއުމަށް ދުއްވައިގަތް ގަޑީގައި ސައިކަލުން ޖެހިގެންނެވެ.