English Edition
Dhivehi Edition
ލަންޑަނުގައި ރާއްޖޭގެ ވިޔަފާރި މައުރަޒުގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިންވެސްޓުކުރަން ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، އެ ދާއިރާތަކުން އިންވެސްޓުކުރުމަށް ފަހި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިނގިރޭސިވިލާތުގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

އެ މަނިކުފާނު މިހާރު އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އިން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިނިގިރޭސިވިލާތަކީ މިހާރު ވެސް ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުން ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ރާއްޖެއަކީ ދެމެހެއްޓެނިވި ވަރުގަދަ އިގްތިސާދެއް އޮތް ގައުމަކަށް ހެދުމަށްޓަކައި އިންވެސްޓް ކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް ހާއްސަކޮށް އާ ގާނޫނެއް އެކުލަވައިލާ ތަސްދީ ގުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، 60 އަހަރުގެ ތެރޭ އިނގިރޭސިވިލާތާއި، ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން، ދެ ގައުމުން ގަބޫލުކުރަ ހަމަތަކާއި، އިހްތިރާމާއި، ދޭދޭ ފަރުދުންގެ ގުޅުމުގެ ތެރެއިން ވަރަށް ވަރުގަދަވެފައިވާ ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތް ބޮޑު ދެ ސިނާއަތްކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދައިކުރާ ކަމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް މިހާރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އަށް ވަނީ 114،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސި ވިލާތް އޮތީ ތިން ވަނައިގަ އެވެ. އެ އަހަރު ވެސް ވަނީ 180،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ. ޓޫރިޒަމް ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އިން އިނގިރޭސި ވިލާތަކީ ރާއްޖެއިން އެންމެ ގިނައިން މަސް ދަޅުމަސް އެކްސްޕޯޓު ކުރާ އެއްގައުމެވެ. ކޮންމެ އަހަރަކު ވެސް 20 މިލިއަން ޑޮލަރުގެ ދަޅު މަސް ނުވަތަ ޕްރޮސެސް ކޮށްފައިވާ މަހުގެ ބާވަތްތައް ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓު ކުރެ އެވެ.

މި ފޯރަމްގައި އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް “ފްރޮމް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވާފައެވެ. މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމެވެ.

މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.