English Edition
Dhivehi Edition
ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވަނީ".-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ވަނީ ބަހައްޓާފައެވެ.

ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ “އިސްލާމީ ކުތުބުޚާނާ”.– ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއްކަމުގައެވެ..

މީގެ އިތުރުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ މިއަދު ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާކަމަށެވެ.

އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްޤީ ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށާއި އެގޮތުން ކުތުބުޚާނާގައި ތުއްތުކުދިންނަށް ޚާއްސަ ބަަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއްވެސް ކުރިއަށް އޮތްތަނުގައި ޤާއިމް ކުރައްވާނެކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ކުތުބުޚާނާގެ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހިލޭސާބަހަށް މަސައްކަތް ކުރެއްވި ޒުވާން ޚަޠީބުންނާއި ދަރިވަރުންނަށް އަދި ވުޒާރާގެ މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.