English Edition
Dhivehi Edition

ޑުރަގު ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް ޑްރަގު ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޑްރަގު ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ 2011 ވަނަ އަހަރު ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ކޯޓު އުފެދުނު ފަހުން މިހާތަނަށް 11،700 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަަމަށެވެ.

ކޯޓުން ވަނީ 2،389 މީހެއްގެ މައްސަލާގައި އެ މީހުން ފަރުވާ އިން ވަކިކޮށް ޖަލު ހުކުމް ތަންފީޒު ކުރުމަށް ވެސް އަމުުރުކޮށްފައެވެ. އަދި ފަރުވާއިން ވަކިކޮށް، ޖަލަށް ހުކުމްކުރި 498 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅި ކަމަށް އެ ކޯޓުން ބުންޏެވެ. އެ އެންމެންނަކީ ވެސް އެ ކޯޓުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އަނެއްކާވެސް ދައުވާ ކުރެވިފައިވާ މީހުން ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ

ކޯޓުން ބުނީ ފަރުވާ ފުރިހަމަ ކުރި މީހުންގެ ތެރެއިން 4،202 މީހުން، ނުވަތަ 82 ޕަސެންޓު މައްސަލަ އަލުން ކޯޓަށް ހުށަނާޅާ ކަމަށެވެ.

ޑުރަގު ކޯޓުގެ ގަވާއިދުގައިވާ ގޮތުން ފަރުވާއިން ވަކިކުރާ މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭނީ ފަރުވާއިން ވަކިކުރުމުގެ ސަބަބުން އެ މީހަކު ތަންފީޒުކުރަންޖެހޭ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

ކޯޓުގެ ޕެންޑިން މަސައްކަތްތަކާ ގުޅޭގޮތުން އެ ކޯޓުން ބުނީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް 1،376 މައްސަލައެއް ނުނިމި އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން 1،192 މައްސަލާގައި ހިމެނޭ މީހުންނަކީ ފަރުވާގެ މަރުހަލާގައި ހިމެނޭ މީހުން ކަމަށާއި އަދި ރީހެބިލިޓޭޝަން އަމުރު ކުރުމުގެ ކުރީގެ މަރުހަލާގައި 184 މައްސަލައެއް އެބައޮތް ކަމަށް އެ ކޯޓުން ބުންޏެވެ.