ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިނުގަންނަވައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޞޯލިޙް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ނަޝީދު ގުޅިވަޑައިގަންނަވަން ޖަލްސާ ބާއްވަން އުޅެނިކޮށް އިއްޔެ ރޭ ޞޯލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ތިއްބެވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ދެއްކެވި ތާރީހީ ވާހަކަފުޅުގައި ވެސް ކުރިން އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިބޫގެ ނަމެއް ފާހަގައެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ހާއްސަ ޝުކުރު ތަކުރާރު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށެވެ.
ރައީސް ޞޯލިޙް އާއި ނަޝީދާއި ދެ ބޭފުޅުންގެ މެދުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރިކަން ބޮޑުވިއެވެ. މި ވާދަވެރިކަމާ ޚިޔާލުތަފާތުވުންތަކުގައި ދެ ބޭފުޅުންގެ ގާތް ގުޅުން ކެނޑި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ޞޯލިޙް ހާމަކުރެއްވީ ވެސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރާ ޖަލްސާ އަށް ތައްޔާރުވަމުން އަންނަނިކޮށް، އެ ޕާޓީގެ އިސްބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެކަމަކު ރައީސް ޞޯލިޙް އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ރައީސް ޞޯލިޙް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދުއާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.