ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިނުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އޭނާ ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދާއޫދު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކުރިކަން އިއުލާންކޮށްފައެވެ.
ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އޮތީ އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައެވެ.
ރިޕޯޓުގައި ބުނާ ގޮތުގައި ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑު އެއްބަފާ ބޭބެ ދާއޫދު ވަނީ ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ މުއާމަލާތުކޮށް ވާހަކަ ދައްކާފައެވެ. އަދި އިހުސާނާއި ދާއޫދު މެދުގައި ކުރެވުނު ޗެޓެއްގެ ތަފްސީލް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އާންމުކޮށްފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި ދާއޫދު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ވަނީ، ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު، ޔުމްނުއަށް ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި ފުރާޅުމަތީގައި އޮންނަން ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.
ދާއޫދު ވަނީ ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީގެ ރައީސްކަން ވެސް އަދާކުރައްވާފައެވެ. ނަމަވެސް، ޔުމްނު ވެއްޓުނު މައްސަލަ ފެންމަތިވެ ފާޑުކިޔުން އަމާޒުވުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.