English Edition
Dhivehi Edition

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް އޭނަގެ ބަޔާން ދޭން އާއިލާއިން ދެކޮޅު ހެދިކަން ހާމަވެއްޖެއެވެ.

އަދަދު ނޫހުން ބުނެފައިވަނީ އެ ނޫހަށް ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އެކަން ކަށަވަރުކޮށްދެއްވަވާފައިވާ ކަަމަށެވެ.

މުނައްވަރު ވިދާޅުވެފައިވަނީ ދެ ފަހަރެއްގެ މުނައްވަރު އަމިއްލަފުޅަށް ވެސް އާއިލާއާއި ވާހަކަ ދެއްކެވި ކަމަށާއި އެހެން ނަމަވެސް އެކަން ފެސިލިޓޭޓް ނުވި ކަމަށެވެ. އަދި ތަހުގީގު އިތުރަށް ކުރިއަށް ދިޔައިރު ޔުމްނުގެ ބަޔާން ނުލިބުނު ނަމަވެސް ތަހުގީގަށް ބޮޑު އަސަރެއް ނުކުރާނެކަން ފާހަގަވި ކަމަށާއި އެހެން ނަމަވެސް ޔުމްނުގެ ބަޔާން ލިބުނު ނަމަ ތަހުގީގު އިތުރަށް ފުރިހަމަ ވީސް ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ..

މި ހާދިސާ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ރިޕޯޓު ހުށަހަޅާފައިވާއިރު އެ ރިޕޯޓު އެންމެނަށް ފެންނާނެހެން ހާމަކުރަން ރައީސް ވަނީ އަންގަވާފައެވެ.

މިއީ އާދަޔާ ހިލާފު ބޮޑު ހާދިސާއެއް އަދި ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓު، ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސަކު ނިންމެވި ފުރަތަމަ ފަހަރެވެ.

މި ތަހުގީގަށް ޖުމްލަ 69 މީހެއްގެ ބަޔާން ވަނީ ނަގާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ. ގާތްގަނޑަކަށް ދެ މަސްދުވަހު އެ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓް ރައީސަށް ފޮނުވީ މިއަދެވެ.