ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިން ތަރައްގީކުރަން މީގެ ކުރިން ދުވަހަކު ނުކުރާ ވަރަށް މަސައްކަތްކުރިއަސް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
މި ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލުނުކުރެވޭނެ ކަންތައްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަހައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރެ އެވެ. ނަތީޖާއަކީ އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ މޫސުން ދިގުލައި އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރަމުންދިއުމެވެ.” މެސެޖުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ބަވަނަ ވަމުންދާ ދުނިޔޭގައި އެކަމަށް އަވަސް ހައްލެއް ގެންނަން ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންވެ، މޫސުމީ ބަދަލުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމީ ފެންވަރުގައި ވެސް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މެސެޖުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެތައް ގަރުނެއް ވަންދެން، ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތުމުން އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭ ކަމަށެވެ.
އެހެންވެ، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެ ވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ އެކު އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށްދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގުތިސޯދަކީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރަން ގުޅިފައިވާ ސިނާއަތްތައް ސިންދަފާތުކުރަންޖެހޭކަން މިނިސްޓްރީން ފާހަގަކުރެއެވެ.