English Edition
Dhivehi Edition
ދިވެހި ފުލުހުންގެ ބައިވެރިވުމާއެކު، 225 މިލިއަން ޑޮލަރުގެ ސްކޭމްކުރި ބަޔަކު ހުއްޓުވައިފި --

ދިވެހި ފުލުހުންގެ ހިދުމަތް ހިމެނޭގޮތަށް ހަތް ގައުމަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، 225 މިލިއަން ޑޮލަރުގެ ސްކޭމް ހިންގި 1،800 އަށްވުރެ ގިނަ މީހުން ހޯދައި ހުއްޓުވާލައިފިއެވެ.

ޗައިނާގެ ހޮންކޮންގުގެ ބައެއް ނޫސްތަކުގައި ބުނީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ސައުތު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށެވެ.

އެ މީހުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނާއި އިންވެސްޓްމަންޓާއި އޮޅުވާލައިގެން ވަޒީފާ ހޯދުމާއި ދިނުމުގެ ކަންކަމުގައެވެ.

ހޮންގް ކޮންގް ޕޮލިސް ފޯސްއިން (އެޗްކޭޕީއެފް) އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އޮޕަރޭޝަން އެޕްރީލް 28 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔައިރު، މި އޮޕަރޭޝަންގައި 1،858 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަންގައި އޮންލައިން ޝޮޕިން ސްކޭމް، ޓެލެފޯން އޮޅުވާލުމާއި އިންވެސްޓްމަންޓް ހިޔާނާތާއި ކުލީގެ ހިޔާނާތާއި ވަޒީފާގެ ހިޔާނާތް ފަދަ 9،268 ހިޔާނާތުގެ މައްސަލަ ހިމެނޭއިރު، ޖުމްލަ 225 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެޗްކޭޕީއެފް އިން ބުންޏެވެ. އެގޮތުން ޖުމްލަ 32،607 ބޭންކް އެކައުންޓް ފްރީޒްކޮށް، ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ފައިސާ އަތުލައިގަނެ، ކްރިމިނަލް ކޭޝްފްލޯއަށް ކާމިޔާބުކަމާއެކު ވަނީ ހުރަސްއަޅާފައެވެ.

ސްކޭމް ކުރުމުގެ މައްސަލައަކީ ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެމަހެއްހާ ދުވަހުގެތެރޭ އެކަނިވެސް 2.5 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.