ސްރީ ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފިއެވެ.
މިއީ ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމަށް ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތަކެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހައިވަކަރު ގަސް އިންދުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމަށް އެ ވުޒާރާއިން ޝުކުރުވެރިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާ އެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ވެސް އެ ގަސްތައް މިހާރު ފޮނުވާފައި ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ހައިވަކަރު ގަސް އިންދަން ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް އެ ގަސް ބެހުމުގެ މަސައްކަތް ކަމަށާއި ކޮންމެ ރިސޯޓަކަށް ދެ ގަސް ހަދިޔާކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ރިސޯޓުތަކަށް އެގަސްތައް ހަދިޔާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
“ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ،” މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މ އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މިމަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.