ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާ ނުނިމި ހުރި “ދަ ގާޑަންސް” ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.
ޖާހު ކުންފުނިން ހުޅުމާލޭގައި ‘ދަ ގާޑްންސް’ ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. “ދަ ގާޑަންސް” ލަގްޒަރީ ހައުސިން ޕްރޮޖެކްޓްގައި 83 އެޕަރޓްމަންޓް ހިމެނެއެވެ. އެއީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ޖާހު ކުންފުންޏާ ހަވާލުކޮށްފައިވާ ދަ ގާޑަންސްގެ އެއްބަސްވުން ބާތިލުކޮށް އާރްސީސީއާ އެޗްޑީސީން ހަވާލުކުރީ އެތަން ނިންމަން އެތައް ފުރުސަތެއް ދިނުމުންވެސް މަސައްކަތް ނުހިނގާތީއެވެ. އެއްބަސްވުން ބާތިލުކުރުމުން ވެސް ޖާހު ކުންފުނިން ވަނީ ބިން ހަވާލުކުރަން ދެކޮޅު ހަދައި، ކޯޓަށް ގޮސްފައެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލައިގައި ޖާހު ކުންފުނިން އެދުނު ގޮތަށް ވަގުތީ އަމުރެއް ކޯޓުން ދީފައެއް ނުވެއެވެ.
އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާ އެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.
އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެޗްޑީސީއިން އެކި ފަހަރު މަތިން އެ ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެންމެ ފަހު ނޯޓިސް އެ ކުންފުންޏަށް ދިނީ މިދިޔަ ޖަނަވަރީ މަހުގެ 27ގައެވެ. އެ ނޯޓިސްގައި ވަނީ، އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް 45 ދުވަހުގެ ތެރޭގައި ނުނިންމާ ހާލަތުގައި، ޖާހުއާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ކުންފުނީގެ އަތުން ނަގާނެ ކަމަށް އިންޒާރު ދީފައެވެ.
އެ ފަހުން ވެސް އެ މަސައްކަތް ނިންމާފައި ނުވުމުން، އެޗްޑީސީން އެ ކުންފުންޏާ އެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކުރީ މިދިޔަ މާރިޗު މަހުގެ 16ގައެވެ.