English Edition
Dhivehi Edition
އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން/ އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމަށް މިމަހު15ގައި ހުޅުވާލަނީ - ފޮޓޯ/ ރައީސް އޮފީސް

އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ފަށާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން އިއުލާންކޮށްފިއެވެ.

މި ސްކީމަކީ އެސްޑީއެފްސީ، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އަދި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ 100 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ލޯނު ސްކީމްގެ މައިގަނޑު މަގްސަދަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މި ސްކީމްގެ ދަށުން، އަންހެނުންނަށް އަމިއްލަ ވިޔަފާރިތައް ފެށުމާއި، މިހާރު ކުރަމުންދާ ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

‘ފަށާ މަދަދު ލޯނު’ގެ ނަމުގައި މި ލޯނުގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭ މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިނެއްގައެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.