English Edition
Dhivehi Edition

ރާއްޖޭގައި ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ، ހއ. ދިއްދޫގައި ހުޅުވައި ލޮނު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ޖަޕާނުގެ އަމިއްލަ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާއި ގުޅިގެން ހުޅުވި މި ފެކްޓްރީ ގައި ތިން ވައްތަރެއްގެ ލޮނު އުފައްދާނެ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެއީ ކެއުމަށް ބޭނުން ކުރާ ލޮނާއި، ލޮނު މަސް އެޅުމަށް ބޭނުން ކުރާ ލޮނާއި ހާއްސަ ބާވަތްތަކަށް ހާއްސަ ލޮނެވެ.

‘ޓެންޕީ ސަން ސޯލްޓް’ ގެ ނަމުގައި ހުޅުވި މި ފެކްޓަރީން އުފައްދާ ލޮނު ބޭރު ކުރާނީ ޖަޕާނަށާއި ރާއްޖޭގެ ޓޫރިސްޓު ރިޒޯޓުތަކަށް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ދިވެހި ކުންފުންޏަކާއި ޖަޕާނުގެ އަމިއްލަ ކުންފުންޏަކާއި ގުޅިގެން އެ ރަށުގައި ލޮނު ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ތެރޭގައެވެ. މި ފެކްޓަރީ އެޅުމަށް އެ ރަށު ކައުންސިލުން ވަނީ ބިޑު އުސޫލުން، 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ.

މި ކަމާ ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ލޮނު ފެކްޓަރީއާއެކު ދިއްދޫގައި ގާތްގަނޑަކަށް ހަ ވަޒީފާ އުފެދޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ ކަމަށް ކައުންސިލ؛ުން އަންދާޒާ ކުރެއެވެ. އެއީ އަހަރަކަށް 144،000 ރުފިޔާއެވެ.

ކައުންސިލުން ބުނީ އެއީ ވަރަށް ރަނގަޅު ކޮލިޓީއެއްގެ ލޮނެއްކަމަށާއި ރާއްޖެއަށް އެތެރެކުރާ ލޮނަށްވުރެ މި ލޮނުގެ ކޮލިޓީ ރަނގަޅު ކަމަށެވެ،

މި ފެކްޓަރީ ތަރައްގީކޮށްފައިވަނީ އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީ ގޮތުން ހިއްކައިގެން، ލޮނު އުފައްދާ ގޮތަށެވެ.