English Edition
Dhivehi Edition
މުޙައްމަދު ޝައްމާން ވަޙީދު

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން މިރޭ ތުހުމަތުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ހާމަކުރީ ރޭގައެވެ. އަދި އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރާއިރު އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ވަނީ ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުމުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމަށް ފަހު ދޫކޮށްލި ކަމަށް ބެލެވޭ މީހާ އަކީ ގިނަ އަދަދެއްގެ ފައިސާއާ އެކު މާލޭގެ ގެސްޓް ހައުސްއަކުން އަތުލައިގަތް މީހުންގެ ގުރޫޕެއްގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކުގައެވެ. އަދި، އޭގެ އެއް ދުވަސްފަހުން، ޝައްމާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝައްމާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނޮވެމްބަރު 19، 2023 ގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރި ޝަމްއާންގެ ބަދަލުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިހާރު ވަނީ އެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.