ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ނިޒާރު އައްޔަން ކުރައްވައިފިއެވެ.
ޙިކުމާ އަޙްމަދު މަޤާމަށް ޢައްޔަން ކުރެއްވީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، ޙިކުމާ އަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިކުމާއި ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020އިން 2024އަށް އަދާކުރައްވާފައެވެ. އަދި ޙިކުމާ އަޙްމަދު ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.
