ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާއި، ޣައްޒާ އަލުން އާރާސްތު ކުރުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި މުހިންމު ސަމިޓެއް ބާއްވައިފިއެވެ.
މި ސަމިޓުގެ މައިގަނޑު މަގްސަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްޙައެއް ގާއިމުކުރުމަށް މަސައްކަތްކުރުމެވެ. އަދި މި ކަންކަމާ ގުޅޭގޮތުން އަރަބި ގައުމުތަކުގެ އެއްބަސްވުމެއް ހޯދުމެވެ.
ސަމިޓުގައި ގަލްފުގެ ބައެއް ޤައުމުތަކުގެ އިތުރުން މިޞްރާއި އުރުދުނުން ބައިވެރިވެއެވެ. އެގޭތެރޭގައި ގަތަރާއި ކުވެއިތާއި ބަހުރެއިން އަދި އޮމާންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ފަލަސްތީނު އޮތޯރިޓީ ހިމެނެއެވެ.
ސަމިޓުގައި ކުރެވުނު މަޝްވަރާތަކުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވުމަށް ގޮވާލުމާއި، ޣައްޒާގެ މަދަނީ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ބާރުއެޅުމަށްވެސް މި ސަމިޓުގައި މަޝްވަރާކުރެވުނެވެ.
މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް އިޢުތިރާޟު ކުރާނެ އައު ހުށަހެޅުމެއް ތައްޔާރު ކުރުމެވެ. ޓްރަމްޕް ބޭނުންފުޅު ވަނީ ޣައްޒާއަކީ އެމެރިކާގެ ތަނަކަށް ހެދުމަށެވެ. އަދި، އެ ތަން ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްޤީކޮށް، އެމެރިކާއިން އެ ބިމުން މާލީ ނަފާ ހޯދުމަށެވެ. އެ ކަން ކުރާނީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކޮށްގެން ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، އަނބުރާ ވަޒަނަށް ދިޔުމުގެ ފުރުޞަތު ޣައްޒާގެ ރައްޔިތުންނަށް ނުދޭނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ގެންދިޔުމަށެވެ. ނަމަވެސް، އެ ދެ ޤައުމުގެ އިތުރުން ޢަރަބި ޤަައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ބަދަލުގައި އެހެން ޙައްލެއް ހޯދަން ޖެހޭ ކަމަށް ބުނެފައެވެ.