English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އަންހެނުންގެ ކޮމިޓީ

ދިވެހި ސަރުކާރުން ހުށަހެޅުއްވި އިސްލާހާ ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ރޯދަ އިނާޔަތްދޭން ފާސްކޮށްދެއްވައިފިއެވެ. \

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްދެއްވީ ވޯޓުގައި ބައިވެރިވެލެއްވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ބޮޑު އައުލަބިއްޔަތުންނެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، އެ ގާނޫނުގެ ދަށުން ރަށްތަކާއި، ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެވުނު އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ވެސް ދޭންޖެހޭނެއެވެ. އެ ގޮތުން، މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިޞްލާޙުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ހާއްސަކުރަން ޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އެ ގޮތުން، މި އިސްލާޙާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ޙަވާލުކުރަން ޖެހޭ އިރު، ބާކީ ފައިސާ ޙަވާލުކުރަން ޖެހޭނީ އެލްޖީއޭއިން ހަދާ ޤަވާއިދެއްގެ ތެރެއިން ކަމަށް އިސްލާހުގައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއް ގޮތަށް، ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، އަންނަ ރަމަޟާންމަހުގެ ޢިނާޔަތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.