ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީގެ ޓޫރިސްޓަކު، ދިވެހިންގެ ހެޔޮކަން ތަޖުރިބާކޮށް އިސްލާމްވެއްޖެ އެވެ.
ޓޫރިސްޓު ފިރިހެން މީހާ ސޯޝަލް މީޑިއާގައި ވަނީ އޭނާ އިސްލާމްވާން މެދުވެރިވި ހާދިސާ ކިޔައިދީފައެވެ. އޭނާލިޔުނު ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ އައީ، ލޯބިވެރިޔާއާ އެންގޭޖްވެ އެ އުފަލުގައި އޭނާ ވެސް ގޮވައިގެންނެވެ. އެ މީހުން ތިބީ ރަށެއްގެ ގެސްޓްހައުސްއެއްގަ އެވެ. އެކަމަކު އެ އުފަލަށް ހުރަސް އެޅުނީ، މޫސުން ހިސާބަކަށް ގޯސް ދުވަހެއްގައި ފަރުމައްޗަށް ސްނޯކަލް ކުރަން ގޮސް އުޅެނިކޮށް ލޯބިވެރިޔާގެ ފޯނު ގެއްލުމުން ކަމަށް އޭނާ ބުނެފައިވެއެވެ.
“އަހަރުމެން ޗުއްޓީ ހޭދަކުރަމުން ދިޔައީ އަތޮޅުތެރޭގެ ރަށެއްގައި. ދެން އެއް ދުވަހު ލޯބިވެރިޔާ ގޮވައިގެން މި ދިޔައީ ސްނޯކަލްކުރުމަށް. މޫސުން ވެސް ގޯސް ދުވަހެއް އެއީ. އަހަރެންގެ ލޯބިވެރިޔާ ފޯނު ވެއްޓުނީ ފަރަށް. އެކަމާއި ވަރަށް ދެރަވި އަދި ފޯނު ލިބޭނެ ކަމަށް އުންމީދެއްވެސް ނުކުރަން.”އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެކަމާ އެ މީހުން މާޔޫސްވީ، ދެ މީހުންގެ ވަރަށް ގިނަ ހަނދާންތަކެއް ފޯނާ އެކު ގެއްލުމުންނެވެ.
ފަރަށް ފޯނު ގެއްލުނު ވާހަކަ އޭނަގެ ލޯބިވެރިޔާ ދިވެއްސެއް ކައިރީގައި ބުނުމުން ވަގުތުން އެ މީހާ އޭނާގެ ރަހުމަތްތެރިން ގޮވައިގެން ފޯނު ހޯދުމަށް ސްނޯކްލިންގއަށް ދިޔަ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. އަދި އެތައް ގަޑިއިރެއް ފޯނު ހޯދުމުގައި މަސައްކަތް ކޮށް ފޯނު ހޯދައިދިން ކަމަށް އޭނަ ލިޔެފައިވެއެވެ.
ފެން ނުވަންނަ ކަވަރަކަށް ލާފައި އޮތުމުން އެޔަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާއިން އެމީހުންނަށް އަސަރު ކޮށް ދިވެހިން އެހާ ހިތްހެވީ މުސްލިމުންނަށް ވީމަތޯ އޭނަ ސުވާލުކުރިކަމަށް ވެސް ބުނެފައިވެއެވެ. އަދި އެހެން ކަމަށްވާނަމަ އޭނަވެސް މުސްލިމަކަށް ވާން ބޭނުން ކަމަށާއި މުސްލިމެއްގެ ގޮތުގައި ރަަޖިސްޓްރީވެވޭނެ ގޮތް އޭނަ ސުވާލުކޮށް ހެދިކަމަށް ބުނެފައިވެއެވެ.
އޭގެ ފަހުން އޭނާ ކޮށްފައިވާ ދެވަނަ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ޝޭހަކާއި ބައްދަލުވެފައިވާ ކަމަށެވެ. އަދި އިސްލާމް ދީނާއި ގުޅޭގޮތުން އޭނާއަށް އެ ޝޭހް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަމާދު ކުރަން ޖެހޭ ގޮތާއި ރޯދަ ހިފަން ޖެހޭ ގޮތާއި ޒަކާތް ދޭންޖެހޭ ގޮތުގައި ވީޑިއޯ ވެސް ޝޭހް ހިއްސާކުރި ކަމަށްވެސް އޭނާގެ ޕޯސްޓްގައި ވެއެވެ.
ޗުއްޓީގެ މުއްދަތު އިތުރުކޮށް މިހާރު އޭނަ ވަނީ ޝަހާދަތް ކިޔައި އިސްލާމްދީންވެސް ގަބޫލުކޮށްފައެވެ
“މިހާރު އަހަންނަކީ މުސްލިމެއް. އަހަރެން ޝަހާދަތް ކިޔައިފިން،” ޓޫރިސްޓު މީހާ ލިޔެފައިވެއެވެ. މީގެ އިތުރަށް އޭނަ ލިޔެފައިވަނީ އިސްލާމްދީނުގެ ރިވެތި ކަމާއި މާތްކަމުގެ ވާހަކައާއި އިސްލާމް ދީނުގެ ހިދާޔަތު ލިބުނީތީ ހަމްދުކޮށް، އޭގެ މެދުވެރިއަކަށްވި ދިވެހިންގެ ހެޔޮކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.