English Edition
Dhivehi Edition

ތޫފާން އޭވާ މަޑަގަސްކަރައަށް އެރުމުގެ ސަބަބުން 29 މީހުން މަރުވެ ސަތާރަ ހާސް މީހުން ގެދޮރު ގެއްލިއްޖެއެވެ.

ތޫފާން އޭވާ އެގައުމަށް އަރާފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ތޫފާނުގައި ލިބުނު ގެއްލުންތަކާ ބެހޭގޮތުން އެގައުމުގެ ނޭޝަނަލް ބިއުރޯ ފޯރ ރިސްކް އެންޑް ކެޓޭސްޓްރޮފީ މެނޭޖްމެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތޫފާނުގެ ސަބަބުން އަށްޑިހަ ތިންހާސް މީހުންނަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހާ ޖެހެންދެން އަދިވެސް 22 މީހަކު ވީނުވީއެއް ނޭނގޭ ކަމަށެވެ.

މިތޫފާން އަރާފައިވަނީ މަޑަގަސްކަރައިގެ އިރުމަތީ ސަރަހައްދަށެވެ. އެ ސަހަރައްދުގެ އަވަށްތަކުގައި ފެންބޮޑުވެ އިމާރާތްތައް ވެއްޓި ގެއްލުންވެ މަގުތައް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން މި ސަހަރަހައްދުން މުއާސަލާތީ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.

ތޫފާނުގައި އަވަސް އެހީ ފޯރު ކޮށްދޭ ޖަމާއަތެއްގެ ފަރާތުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ވަރަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ މަގުތައް ހަލާކު ވެފައިވާ ކަމަށެވެ. އަދި މުއާސަލާތީ ހިދުމަތް ވެސް ރަނގަޅަށް ނުލިބުމުގެ ސަބަބުން ގެއްލުންވި ސަރަހައްދުތަކާ ގުޅުން ވަނީ އުނދަގޫ ވެފައި ކަމަށެވެ.

މަޑަގަސްކަރައަކީ ދުނިޔޭގައި ވަކިންއޮންނަ ގައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެބޮޑު ގައުމެވެ. އެގައުމަށް ނޮވެމްބަރުމަހާއި އެޕްރީލް މަހާ ދޭތެރޭ ތޫފާން އެރުމަކީ ވަރަށް އާންމު ކަމެކެވެ. ދެހާސް ސަތާރަވަނަ އަހަރުވެސް އެގައުމަށް އެރި ތޫފާނެއްގައި 80 މީހުން މަރުވެ އެތައް ލައްކަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.