ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން ކ.ތުލުސްދޫއަށް ބަދަލުވާން އެދިފައިވާ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ހިރިމަރަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކައުންސިލާ ހަވާލާ ދެއްވައި، މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން ނިންމާފައިވާ ކަން މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން ވިދާޅުވި ކަމަށެވެ. އެރަށު ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
މިބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންގެ އެދުމަކީ ކ. ތުލުސްދޫއަށް ބަދަލުވުން ކަމަށެވެ. އަދި މިއީ އެރަށު ރައްޔިތުންގެ ނިންމެވުމެއްކަން ވަޒީރު ހާމަކުރެއްވިއެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
.