English Edition
Dhivehi Edition

(ރަމަޟާން މަހުގެ ހެޔޮދުއާ އާއި ތަހުނިޔާ ތިޔަ އެންމެހައި ބޭފުޅުންނަށް އަރިސްކުރަން. ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ!ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. އެގޮތުން މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ރަނގަޅަށް ހަމަޔަށް ނޭވާލުމުގެ މުހިންމުކަމަށެވެ.

ނޭވާއަކީ އަހަރުމެންގެ ނަފްސު މިދުނިޔެއާއި ގުޅުވާދޭ ވަސީލަތެވެ. އަހަރުމެން ނޭވާލާއިރު ނޭވާއާއެކު ހަށިގަޑުގެ ތެރެއަށް ނަގަނީ ހަމައެކަނި އޮކްސިޖަންނާ، ހައިޑްރޮޖަންއާ، ނައިޓްރޮޖަންއެއް ނޫނެވެ. ނޭވާޔާއެކު މިދުނިޔޭގައި ﷲ ސުބްހާނަހޫ ވަތައާލާ ލައްވާފައިވާ “ދިރުން” ނުވަތަ “ނޫރު” ނުވަތަ “ލައިފް ފޯސް އެނަރޖީ” ވެސް ހަށިގަނޑުގެތެރެއައް ވަދެގެންދެއެވެ. އިންސާނާ އުފަންވާދުވަހު ނަގާ ފުރަތަމަ ނޭވާޔާއެކު، މި ނޫރުގެ އެހީގައި އިންސާނާގެ ނަފްސާ،އި ހަށިގަނޑުގެ ނޫރު ދުނިޔޭގެ މާހައުލުގައި ވަޒަންވެރި ކުރުވާލަދެއެވެ. އަދި މަރުގެ ވަގުތުގައި އެންމެ ފަހު ނޭވާ ދޫކޮށްލާއިރު، އިންސާނާގެ ނަފްސު މިދުނިޔެއާ އަލްވަދާއުކިޔުމުން ހަށިގަނޑުގެ ނޫރު، ދުނިޔޭގެ ނޫރުގެ ތެރެއަށް ފަނާވެގެންދެއެވެ. އެންމެ ފުރަތަމަ ނެގި ނޭވާއިން ފެށިގެން އެންމެ ފަހުން ދޫކޮށްލާ ނޭވާޔާ ދެމެދު ލާ ކޮންމެ ނޭވާއަކީ އިންސާނާ ދުނިޔޭގައި އެވަގުތު ހުރި ހާލަތު ހަށިގަނޑަށް އަންގައިދޭ ސިގްނަލްއެކެވެ.
އަހަރުމެން އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 24،000 ވަރަކަށް ނޭވާ ލަމެވެ. އަދި މިނޭވާ ލާގޮތާ، ލާރާގުން ހަށިގަޑަށް ދާ މެސެޖް ތަފާތުވެއެވެ. މިސާލަކަށް، މީހަކު ހާސްވެ ބިރުގަނެފައި ހުރެއްޖެއްޔާ ނޭވާލަނީ ކިހިނެއްތޯއެވެ؟ މީހަކު ހަމަޖެހިލާފައި އުފާވެލާފައި ހުރެއްޖެއްޔާ ނޭވާލަނީ ކިހިނެއްތޯއެވެ؟ ނޭވާލާގޮތަށް ވިސްނާފައި ހަށިގަނޑު އެމީހެއްގެ އެވަގުތުގެ މާހައުލު ދެނެގަންނަން މަސައްކަތްކުރެއެވެ. އެހެން ހިއްސުތަކުގެ ސިގްނަލްތަކުގެ މައްޗަށް ނޭވާގެ ސިގްނަލްއަށް ބަރޯސާކުރުންމީ “ސަވައިވަލް އިންސްޓިކްޓް” އެކެވެ. އަދި އަހަރުމެން އިންސާނުން ޒަމާނުންސުރެ މިހާހިސާބަށް ސަލާމަތުން ދެމިތިބުމުގެ ސަބަބުކަމަށްވެސް ގަބޫލުކުރެވެއެވެ.

ސްޓްރެސް ސިގްނަލް އާއި ނޭވާ.

މީހަކު ބިރުގަނެ ހާސްވެފައި ހުންނަ ވަގުތު ނޭވާލާނީ ވަރަށް އަވަސްއަވަހަށް ތިލަކޮށް، މޭގެ މަތީބައިނެވެ. މިގޮތަށް ނޭވާލާން ފެށުމުން ހަށިގަނޑުގެ ސްޓްރެސް ރެސްޕޮންސް ޓްރިގަރ ވާނެއެވެ. މާނައަކީ އެ ބިރުވެރިކަމުން ސަލާމަތްވާން ދުއްވައިގަންނަން ނުވަތަ އެކަމާ ކުރިމަތިލާ ހަނގުރާމަކުރަން ހަށިގަނޑު ތައްޔާރު ވާނެއެވެ. މިފަދަ ހާލަތުގައި އެއްމެ އިސްކަމެއްދެވޭނީ ހަތަރެސް ފަޔާ އެހެނިހެން ހިއްސުތައް އެލާޓުގައި ބެހެއްޓުމަށެވެ. އަދި މިކަން ކުރުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމާ، ހަޖަމުގެބައި (ޑައިޖެސްޓިވް ސިސްޓަމް) މަޑުޖައްސާލެވެއެވެ. ހަމަ އެއާއެކު ވިސްނުންތެރިކަންވެސް ހުއްޓުމަކަށް ގެނުވާލައެވެ. އެއީ ބިރުވެރިކަމަކުން ސަލާމަތްވެގަންނަން ދަސްވެފައިވަނީ އަމަލާ ހަރަކާތުން އަވަހަށް އެކަމުން ސަލާމަތްވެގަންނަން ކަމަށްވާތީއެވެ.
އަހަރުމެން އާއްމުކޮށް ލާ ނޭވާއިން ފޮނުވާ ސިގްނަލްއަކީ ސްޓްރެސް ސިގްނަލެއް ކަމަށްވާނަމަ އަހަރުމެންގެ ހަށިގަޑަށް ކުރާނެ އަސަރާ ވާނެ ގެއްލުމުގެ މައްޗަށް ވިސްނާލަމާ ހިނގާށެވެ. ރެޔާދުވާލުގެ ހުރިހާ ވަގުތެއްގައި ސްޓްރެސް ރެސްޕޮންސް ޓްރިގަރ ވެފައި ހުންނަން ވެއްޖެއްޔާ އަހަރުމެންގެ ސިއްހީ ހާލަތަށް އަންނާނެ ނިކަމެތިކަން އިހުސާސް ކުރެވޭބާވައެވެ. ދިފާއީ ނިޒާމާއި، ހަޖަމުގެބައި މަޑުޖެހިފައި ހުރުމުން އެހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަޔާ އަޅާލުން ނުލިބި މި ގުނަވަންތަކުގެ މަސައްކަތް ބަލިކަށިވެ ހަށިގަނޑުގެ އާންމު މަސައްކަތްތަކާ ދުޅަހެޔޮ ކަމަށް ހުރަހަކަށް ވެގެންދެއެވެ. ވީމާ އަހަރުމެން އާއްމުކޮށް ނޭވާލަނީ ރަނގަޅަށްތޯ ބަލާލުން ވަރަށް މުހިންމެވެ.

ސްޓްރެސް ފިލުވާލަން ނޭވާލާނެގޮތް
ލޯމަރާލައިގެން ހުރެ ނޭފަތުން ނޭވާ އެތެރެއަށް ލާނީ ފުންކޮށް ދިގުކޮށް ބަނޑާ ހަމަޔަށް ފޯރުވާގޮތަށެވެ. ނޭވާ އެތެރެއަށް ލާއިރު ނޭވާގެ ދިގުމިން ގުނާލާފައި، ހަމަ މިދިގުމިނަށް ގުނާލަމުން އަނގައިން ނޭވާ ބޭރުކޮށްލާނީއެވެ. މިގޮތަށް 5 ފަހަރު ނުވަތަ ހަމަޖެހިލަންދެން ނޭވާލާނީއެވެ.

ރަނގަޅަށް ހަމަޔަށް ނޭވާލުން

އަހަރެމެން އާންމުކޮށް ނޭވާލާއިރު މާބޮޑަށް ނޭވާއަށް ސަމާލުކަމެއް ނުދެމެވެ. އެކަމަކު ދޭތެރެ ދޭތެރޭން ނޭވާއަށް ސަމާލުކަންދީ ނޭވާ ހަމަޔަށް ރަގަޅަށް ލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެކަނި ނޭވާއަށް ވިސްނާލުމުންވެސް ނޭވާ ލާގޮތް ބަދަލުވާނެއެވެ. ނޭވާ ރަނގަޅަށް ލާއިރު އެތެރެއަށް ލާ ނޭވާޔާއެކު ފުއްޕާމޭގެ ސަރަހައްދު ތިރިން މައްޗަށް ވަށައިގެން ފުފިލާނެއެވެ. އަދި ނޭވާ ބޭރުކޮށްލާއިރު ފުއްޕާހަމަކުން ވައި ދޫކޮށްލީމާ ހިނދޭހެން ފުއްޕާމޭ އެތެރެއަށް ހިންދޭނެއެވެ. ނޭވާހުންނާނީ ފުންކޮށް ދިގުކޮށެވެ. އެތެރެއަށް ލާ ނޭވާޔާއި ބޭރަށްލާ ނޭވާ ހުންނާނީ އެއްވަރެއްގައެވެ. ނޭވާލާނީ ނޭފަތުންނެވެ. މިގޮތަށް ނޭވާލާ ކޮންމެފަހަރަކު މުޅި ހަށިގަނޑު ރިލެކްސް ވާނެއެވެ. ހަށިގަނޑު ރިލެކްސް ކުރުމަކީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.