English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި މުޙާތަބުކުރައްވަނީ

ދެކުނުގެ އަތޮޅުތަކަށް ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެ ސިޓީގައި ރޭ ބޭއްވެވި ޖަލްސާގައި ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ރައީސް ހާމަކުރައްވައިފިއެވެ.

އެގޮތުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްޤީ ކޮށް ނިންމަވާނެކަމަށެވެ. މީގެ އިތުރުން ފުވައްމުލައް ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ޕްރޮޖެކްޓަށް ބަދަލުގެނެސް، ރަށުގައި މޫދަށް އެރޭނެ 3 ސަރަޙައްދު ތަރައްޤީކުރައްވާނެކަމަށާއި އެސިޓީގެ ބަނދަރު، ރަށަށް އެންމެ އެކަށޭނަގޮތަށް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މިރަށުގެ ބަނދަރު އާދައިގެ ގޮތަށް ހެދޭކަށް ނެތް. އެހެންވީމާ އިންޖިއަރިންގެ ގޮތުން އިތުރަށް ދިރާސާކޮށް، އަދި ރަށުގެ ބަނދަރު ބޭނުންކުރާ މީހުންނާއި، އަދި ޑައިވިންފަދަ ޚިދުމަތްދޭ މީހުންގެ ޚިޔާލާއެކު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމާއި، އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި އަދި ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ މަސައްކަތްތަކުގައި ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ފުވައްމުލައް ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްވެސް ގާއިމްކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއިވެސް އިއްޔެ ބައްދަލުކުރައްވައިފިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއް ކަމުގައިވާ އެސިޓީގެ ޖުމުލަ 50 މަގެއް ތާރު އަޅައި ތަރައްޤީކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އެސިޓީގެ މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.