English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހުންނެވުމަށް ފަހު ގެއަށް ބަދަލު ކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސް ކުރެވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދުވަހު އެންމެ ކުޑަވެގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެގޮތުގެ ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ އެކަމަށް ރައީސް ޑރ މުއިއްޒުގެ އިލްތިމާސް ކުރައްވައިގެން ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ނިމި ދިޔަ ރިޔާސީ އިންތިޚާބު ކެމްޕެއިން ތެރޭގައި ރައީސް ޔާމީނަށް ކުރެވިފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އަދި އެއީ ކުރީގެ ސަރުކާރުން ޝަރީއަތް ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ހުކުމެއް ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދުވަހު އެންމެ ކުޑަވެގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ޑރ މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސް ޔަމީން ހުންނެވީ ގޭގައި ކަމަށާއި އެއީ ރައީސް ވެވަޑައިގެން ވައުދު ފުދުނީކަމަށް ޝަހީބު ވިދާޅުވެފައިވެއެވެ.

ސަރުކާރުން ޖުޑިޝަރީއަށް އަތްބޭނުން މި ވަގުތުން ވަގުތަށް ނިމުނީ ކަމަށް ހުވާކުރެއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވިކަމަށާއި އޭރުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުން ވަނީ ނިމުމަކަށް އައިސްފައި ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި ސަރުކާރުން ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ކަންކުރަން ބުނެގެން އެކަންކަން ކުރާ ކަމަށް މީގެ ކުރިން އިވުނު އަޑުތައް ދެން ނީވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީ ތެރޭގައި ކަމަށާއި އަދި ސަރުކާރުގެ ތެރެއިން އެކަމުގެ ތެރެއަކަށް ނުވަންނާނެ ކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.