English Edition
Dhivehi Edition

ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ހޫތީން، ބޮމުގެ ހަމަލާއެއްގައި އަވަހާރަ ވެވަޑައިގެންފިއެވެ.

ސާލިހު އަވަހާރަ ކޮއްލާފައިވާ ކަމަށް އެންމެ ފުރަތަމަ ބުނީ ސަންއާ ގައީ ހޫތީން ކޮންޓްރޯލް ކުރާ އިންޓީރިއާ މިނިސްޓްރީންނެވެ. އޭގެ ފަހުން އެކަން ސާލިހްގެ އަމިއްލަފުޅު ސިޔާސީ ޕާޓީ ‘ޖެނެރަލް ޕީޕަލްސް ކޮންގްރެސް’ އިން ވަނީ ކަށަވަރު ކޮއްދީފައެވެ.

ހޫތީންގެ އެތެރޭގެ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި ސާލިހް އަވަހާރަ ކޮއްލަން ދެވުނު ހަމަލާ ދީފައިވަނީ ސަންއާ ރަށްބޭރުން ޗެކްޕޮއިންޓަކަށް އެނާގެ ކާރު ކޮޅަށް ދެވުނު ރޮކެޓް ގްރެނޭޑް ހަމަލާއެއްގައެވެ.

މި ހަމަލާގައި ‘ޖީ.ޕީ.ސީ’ގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ވެސް ވަނީ މަރާލާފައެވެ.

މިކަމާ ބެހޭގޮތުން ހޫތީންގެ ޓީވީން އެމީހުން ނެރުނު ބަޔާނެއްގައި އެމީހުންގެ އިންޓީރިއާރ މިނިސްޓްރީން ބުނެފައިވަނީ ސާލިހް އަވާހަރަ ކޮއްލާފައިވަނީ، އެނާ އާއި އެނާއަށް ވާގި ވެރި ވާ ފަރާތްތަކުން މަގުތައް ބަންދު ކޮށް ގައުމުގެ އަދުއްވުންނާ އެކު ރައްޔިތުން މެރުމުގައި ޝާމިލު ވާތީ ކަމަށެވެ.

ޔަމަންގެ ކުރީގެ ރައީސް ސާލިހު އަވާހަރަ ކޮއްލެވިފައި މިވަނީ އެނާ އާންމު ކޮށް ހޫތީންނާ ގުޅުން ކެނޑިތާ ދެދުވަސް ފަހުންނެވެ. އެނާ ހޫތީންނާ ގުޅުން ކަނޑާލާފައިވަނީ އިދިކޮޅު ޖަމާއަތްތަކެއްގެ މެދުގައި ހިނގި މަގުމަތީ ހަމަނުޖެހުމެއް ހޫނު ވެފައިވާ ދަނޑިވަޅެއްގައެވެ. އެނާ ހޫތީންނާ ގުޅުން ކަނޑާލައި ސައުދީ އިސްވެ އޮތް ކޯލިޝަނާ މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ވަނީ ރަސްމީ ކޮށް އިއުލާން ކޮއްފައެވެ.

ރައީސް އަލީ އަބްދުﷲ ސާލިހު އަކީ ޔަމަންގައި 30 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައިވާ ބޮޑު ތާއިދެއް އޮންނަ ބޭފުޅެކެވެ. އެނާ ވަނީ 2012 ވަނަ އަހަރު ކުއްލި ގޮތަކަށް ރައީސް ކަމުން ދުރު ކުރެވިފައެވެ.

އިރާނުން ވާގިވެރިވެދޭ ކަމަށް ބެލެވޭ ހޫތީން ވަނީ 2014 ވަނަ އަހަރު ސަންއާ އަރާ ޔަމަންގެ ވެރިރަށް ހިފާފައެވެ. އަދި އެމީހުންގެ ސަބަބުން ރައީސް އަބްދު-ރައްބު މަންސޫރު ހާދީ ވަނީ ސައުދީ އަށް ރައްކާވެ ވަޑައިގެންފައެވެ.