English Edition
Dhivehi Edition

ޤުރުއާން ކިޔެވުމާއެކު ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެގޮތަށް އެދިވަޑައިގަތީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި “މަޙްފަލުލްޤުރްއާނީ 1445” ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާ އޮތީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤުރުއާން އުގަންނައިދީ ޤުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުން މިއީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދުކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ވަގުތު ހޯދައިގެން ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް ދަސްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސްކޫލްތަކުގައި ޤުރުއާން ކިޔަވައިދިނުމުގައި މިހާރު ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް “މަޙްފަލުލްޤުރްއާނީ 1445″ގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

“މަޙްފަލުލްޤުރްއާނީ 1445” އަކީ ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ޤުރްއާނުގެ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލުކުރަމުންދާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ 3 ވަނަ ޤުރުއާން މަޙްފަލެވެ. މި މަޙްފަލުގައި ރާއްޖެއާ ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ޤާރީން ކިޔަވާފައިވެއެވެ.

މި މަޙްފަލުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރްއާން ކިޔެވުމުގައި ބޭނުންކުރާ މަޤާމާތުތަކަށް އަހުލުވެރިކުރުވުމާއި އަޑު ގެންގުޅޭނެ ގޮތުގެ ހުނަރުތައް ލިބިދިނުމެވެ. މީގެ އިތުރުން މި މަޙްފަލުގެ ތެރެއިން، ޤުރުއާން ޓީޗަރުންނަށް ޚާއްސަކޮށްގެން ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ޤުރުއާނުގެ މުޤައްރަރު ކިޔަވައިދިނުމަށް ހުރި ގޮންޖެހުތަކާއި އެކަމުގެ ޙައްލުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއްވެސް ގެންދެވޭނެއެވެ.