English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގައި ފެންބޮޑުވެ ފަސް ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ ފެންބޮޑުވި ފަސްގޭގެ ތެރެއިން އެއްގޭގެ މީހުންވަނީ އެހެންތަނަކަށް ބަދަލުކޮށްފައެވެ. އެމީހުން ބަދަލުކޮށްފައިވަނީ ދަނާލަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބަދަލުކުރި ގޭގެ އެންމެންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ފެންބޮޑުވި ފަސްގޭގެ ތެރެއިން ބާކީ 4 ގެއާއި މީހުންގެ ހާލަތުވެސް މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން އެއްވެސް ގެއަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ކާރިމް ވިދާޅުވިއެވެ.

މިހާރުވެސް ވަރަށްގަދަ ވަޔާއެކު އެރަށަށް ވާރޭވެހެމުންދާތީ ރަށުކައުންސިލްގެ މެންބަރުންނާއި ރަށުގެ ބައެއްމީހުން މިހާރުވެސްތިބީ ހޭލައެވެ. ކާރިމް ވިދާޅުވީ މިހާރު ވާރޭވޭހޭ މިންވަރަށް ބަލާއިރު އިތުރު ގޭތަކުގައި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެމްއެންޑީއެފްއާއި، ޕޮލިހުންނާއި އެމްޓީސީސީ ގެ މަސައްކަތުން މަގުތަކުގެ ފެން ހިންދައި ކޮންޓްރޯލް ކޮށްފައިވަނިކޮށް މިހާރު “ވަރަށްގަދައަށް އެވެހެން ފެށީ،” ކާރިމް ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުގަދަވާނެތީ މެޓް އޮފީހުންވަނީ ކަނޑު ދަތުރުކުރުމުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. މި ވިއްސާރާގައިގައި ކޮޅިގަނޑުގެ ތެރޭގައި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.