English Edition
Dhivehi Edition

އިނިގިރޭސި ޕްރިމިއާ ލީގުގެ 2023/24 ގެ އައު ސީޒަނުގެ ކުޅުން ރޭ ފެށިއިރު، ލީގު ހުޅުވުމުގެ ގޮތުން ބާންލީ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއި އެކު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދައިފިއެވެ.

ބާންލީގެ ޓާފް މޫރް ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިން ބާންލީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރޭގެ މި މެޗުގައި ސިޓީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އަދި އެޓީމުގެ ފަހު ލަނޑު ޖެހީ ފަހު ހާފުގައެވެ.

މެޗު ފެށިގެން ވެސް ގިނަ ވަގުތު ބޯޅަހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސިޓީންނެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ސިޓީން މެޗުގެ ލީޑުނެގިއެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ސިޓީން ލީޑުނެގިއިރު، މި ލަނޑު ސިޓީއަށް ޖަހައިދިނީ ފޯވަޑް އާލިން ހާލަންޑްއެވެ. މިއީ ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ލީޑުނެގުމަށް ފަހުވެސް ރަނގަޅަށް ކުޅެ ގިނަވަގުތު ބޯޅަގެންގުޅެ ހަމަލާތައް އުފައްދަމުން ގެންދިޔައީ ސިޓީންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ކެވިން ޑިބްރެއިނާ ބާންލީގެ ގޯލު ކުރިމައްޗަށް ނަގައިދިން ރީތި ހުރަހެއް ގޯލް އޭރިއާތެރޭ ހުސްކޮށް ހުރި ހާލަންޑަށް މާ ރަނގަޅަށް ގޯލަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ސިޓީއަށް މައްސަލަތަކެއް ކުރިމަތިވީ ޑިބްރެއިނާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުމުންނެވެ. ބާންލީގެ ޖޯޝް ކުލެން ޖެހި ޓެކްލްއަކާއި އެކު އަނިޔާވެ ޑިބްރެއިނާ ބާލަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ މަޓިއޯ ކޮވަސިޗްއެވެ.

ސިޓީން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މިފަހަރުވެސް މި ލަނޑު ސިޓީއަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހާލަންޑްއެވެ. މިފަހަރު މި ލަނޑު އޭނާ ޖެހީ ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ސިޓީގެ ތިންވަނަ ލަނޑު ފަހު ހާފުގެ 75 ވަނަ ިނެޓުގައި ޖަހައިދިނީ ރޮޑްރީއެވެ.