English Edition
Dhivehi Edition

ލޮލަކީ އިންސާނާގެ ގުނަވަންތަކުގެ ތެރެއިން އެންމެ ނާޒުކު އެއްގުނަވަނެވެ. އަދި އެގުނަވަނަކަށް އެހާމެ އަޅާލާންޖެހޭ ގުނަވަނެކެވެ. ދުނިޔައަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އައިނު އަޅާމީހުން އިންތިހާއަށް ގިނަވެފައިވެއެވެ. ނަމަވެސް އައިނު އަޅާ ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް ލޮލަށް ސަމާލުކަން ނުދެވޭތަން އާދެވެއެވެ. އައިނު އަޅާމީހުން އަބަދުވެސް އައިނު އަޅައިގެން ތިބުމަކީ އެއިގެ ފައިދާ ކުރާނެކަމެކެވެ. އެހެންނަމަވެސް އައިނު އަޅާމީހުން އެކި އެކި ސަބަބުތަކާއި ހުރެ އައިނު އަޅައިގެން ތިބުމަށް ޖެހިލުންވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޓީވީ ބެލުމާއި، ދުރު ބެލުމަށް އެކަނި އައިނު އަޅާނަމަ އެއިގެ އެންމެ ފުރިހަމަ އަސަރު ލޮލަށް ނުކުރާނެއެވެ. ފަރުވާކުޑަކޮށް އައިނު ބޭނުންކުރާނަމަ ލޮލުގެ ފެނުން ދަށް ވެގެންދެއެވެ. އެހެންކަމުން ލޮލުގެ ފެނުން އިތުރަށް ގޯސްނުކޮށް ބެލެހެއްޓުމަށްޓަކައި އައިނު އަޅަންޖެހޭ މީހުން އަބަދުވެސް އައިނު އަޅައިގެން ތިބެންޖެހެއެވެ. ލޮލުގައި އަޅާ އައިނަކީ ސާފުތާހިރު ލެންސެއް ހުރި އައިނަކަށްވުން މުހިއްމެވެ. އައިނުގެ ލެންސު ހަޑިވެ، ހިރަފުހާއި އެކު ބޭނުން ކުރާނަމަ ލޮލުގެ ފެނުމަށް އަސަރުކޮށް ބޮލުގައި ރިއްސުމަކީ އެކަށީގެންވާކަމެކެވެ. ލެންސް ސާފުކުރުމަށް ހާއްސަ ކުރެވިފައިވާ ލެންސް ކްލީނާއަކުން ސާފުކުރުމަށްފަހު މަޑު ކަފަ ފޮތިކޮޅަކުން ފޮލެހުމުން ލެންސް ސާފުވާނެއެވެ. ލޮލުގެ ނާޒުކަމަށް ވިސްނައި، އަޅައިގެން އުނދަގޫ އައިނު ބޭނުންކުރުމަކީ ވެސް ރަނގަޅު ކަމެއްނޫނެވެ. އަޅައިގެން އުނދަގޫ ވާކަހަލަ އައިނު އެޅުމުގެ ސަބަބުން ސްޓްރެސްވެ ބޮލުގައި ރިއްސުން އިތުރުވެގެން ދާނެއެވެ. އެހެންކަމުން ލޮލުގައި އަޅާ އައިނަކީ އެމީހަކާއި ގުޅޭ ލުއި އައިނަކަށް ހަދަން ޖެހެއެވެ. އެމީހަކާއި ނުގުޅޭ، ބަރު އައިނު އަޅާނަމަ އިތުރަށް ލޮލުގެ ފެންނުން ދަށްވެގެން ދިޔުމަށް މަގުފަހިވެގެން ދެއެވެ. އަޅާ އައިނަކީ ޔޫވީ ޕްރޮޓެކްޝަން ހުންނަ އައިނެއްތޯ ބެލުންވެސް މުހިއްމެވެ. އެހެނީ އިރުގެ އަލިން އަންނަ ޔޫވީ ދޯދި ތަކަކީ ލޮލާއި ހަންގަނޑަށް އެންމެ ރަނގަޅު އެއްޗަކަށް ނުވާތީ އެވެ. ހާއްސަކޮށް ބޭރުގައި ގިނަ ވަގުތު ހޭދަ ކުރާ ފަރާތްތަކުން މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ. އައިނުގައި ބޭނުންކޮށްފައިވާ ލެންސަކީ ފެންވަރުގެ ގޮތުން ރަނގަޅު ލެންސެއްތޯ ބަލަންޖެހެއެވެ. ސަބަބަކީ އާދައިގެ މެޓީރިއަލް އިން ހަދާފައިވާ ލެންސް ތަޅައިގެން ދިޔުން އަވަސްވާނެތީއެވެ. އެހެނީ އެގޮތަށް ތަޅައިގެންދާ އެތިކޮޅެއް ލޮލަށް އެޅި ލޮލަށް އިތުރު ގެއްލުންލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހާއްސަކޮށް ކުޑަކުދިންނާއި، ގިނައިރު މަސައްކަތުގައި އުޅޭ ފަރާތްތަކުން މިކަމަށް ސަލާމުވުން މުހިއްމެވެ. ލޮލުގެ ނާޒުކަމާއި ހުރެ، އެއާއިމެދު އެކަށީގެންވާވަރަށް ސަމާލުނުވެވިއްޖެނަމަ ލޮލުގެ ފެނުން ނެތި ދިޔުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެންކަމުން އައިނު ބޭނުންކުރާ ފަރާތްތަކުން ލޮލާއިމެދު ޙާއްސަ ސަމާލުކަމެއް ބެހެއްޓުމަކީ މުހިއްމުކަމެކެވެ.