English Edition
Dhivehi Edition
ފުވައްމުލަކު ސިޓީ ކައުންސިލް މައިކްރޯ ފައިނޭންސް ސްކީމް ތައާރަފުކުުރުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤް ވާހަކަ ދައްކަވަނީ

ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރުމަށް ނިންމައިފައިވާ މައިކްރޯފައިނޭންސް ސްކީމް މިއަދު އިފްތިތާޙްކޮށްފިއެވެ.

މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގައި މި ސްކީމް އިފްތިތާޙް ކުރުމަށް ބޭއްވުނު ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާޙްކޮށް ދެއްވައިފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ލޯން ސްކީމް ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުޞަތު ފަހިކޮށް ދިނުމާއި މިސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

އެގޮތުން މިސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން މީހަކަށް ފަންސާސް ހާސް ރުފިޔާއެވެ. އަދި ލޯން ދައްކަން ފެއްޓުމުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ގާތްގަނޑަކަށް 3 މަސް ދުވަސް ލޯނު ލިބޭ ފަރާތްތަކަށް ލިބިގެންދާއިރު ލޯން އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް 5 އަހަރު ދެވިގެންދެއެވެ. އަދި ލޯނުގެ އިންޓަރެސްޓެއްގެ ގޮތުގައި ނެގުމަށް ކަނޑައަޅައިފައިވަނީ 5 އިންސައްތައެވެ. މި ލޯން ސްކީމަށް ކަނޑައަޅާފައިވާ ޖުމްލަ ރައުސުލްމާލުގެ މަދުވެގެން %40 އަންހެނުންނަށް ޚާއްސަކުރަންވާނެކަމަށް ލޯނާއި ބެހޭ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އަލީފް ވިދާޅުވި ގޮތުގައި މިލޯން ސްކީމް ފަރުމާކޮށްފައިވަނީ ފުވައްމުލައް ސިޓީގައި އާންމު ގޮތެއްގައި މަސައްކަތްކޮށް އުޅޭ ގިނަ ދާއިރާތަކަށް ކުރިމަތިލެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން މިސްކީމަށް ކުރިމަތިލެވޭނެ 14 ދާއިރާއެއް ކައުންސިލުންވަނީ ކަނޑައަޅައިފައެވެ. އެއީ އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކްއަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، ކުޅިވަރު އަދި ފިޓްނަސް، މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓެނަންސް، މެނުފެކްޗަރިން، ދަނޑުވެރިކަން، ވެލްޑިންގް އަދި ކާޕެންޓްރީގެ މަސައްކަތް، ފަތުރުވެރިކަން އަދި އަމިއްލަ އުފެއްދުންތެރިކަމެވެ.

ތިރީގައި މިވަނީ މިލޯނަށް އެދި ހުށައަޅައި ފަރާތްތަކުން ފުރިހަމަވާން ޖެހޭ ޝަރުތުތަކެވެ.

  • ފުވައްމުލަކު ސިޓީގައި ރަށްވެހިފެވފައިވާ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
  • ލޯނަށް އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން ފާއިތުވި 1 އަހަރު ފުވައްމުލަކުގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައިވުން.
  • ހުށައަޅާ ވިޔަފާރީގެ 100 އިންސައްތަ ހިއްސާދާރުންނަކީ ފުވައްމުލަކުގެ ރައްޔިތުން ކަމުގައިވުން.
  • 30 ޖޫން 2023 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވުން. (މިކަން ސާބިތުކޮށްދޭ ލިޔުންތައް ލޯނަށް އެދޭ އެޕްލިކޭޝަންއާއިއެކު ހުށައަޅަންވާނެއެވެ.)
  • 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ހިންގާފައިވާ އެއްވެސް ގްރާންޓްސް ޕްރޮގްރާމަކުން އެހީ ލިބިފައިވާ ފަރާތެއްކަމުގައި ވެގެން ނުވުން. (މީގެ ތެރޭގައި މީރީ ޕްރޮޖެކްޓްގެ “ބިޒްނަސް ޕިޗް ކޮމްޕެޓިޝަން” ޕްރޮގްރާމާއި “އިންކަމް ސަޕޯޓްސް އެލަވަންސް” ޕްރޮޖެކްޓްގެ “ސެލްފް އެމްޕްލޯއިމަންޓް” ގްރާންޓް ޕްރޮގްރާމް ހިމެނެއެވެ.)
  • ލޯނަށް އެދި ހުށައަޅާ ފަރާތުގެ ނަމުގައި ދިވެހިރާއްޖޭގައި ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވާފައިވުން.
  • ލޯނަސް އެދި ހުށަހަޅާ ފަރާތަކީ މިޕްރޮގްރާމްގެ އަމަލީ މަސައްކަތުގައި ސީދާ ނުވަތަ ނުސީދާ ގޮތުން އުޅޭ ފަރާތަކަށް ނުވުން.

ފުވައްމުލަކު ސިޓީ ކައުންސިލުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ލޯނަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅަންޖެހެނީ އެ އިދާރާއިން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. އަދި ފޯމާއި އެކު އެފަރާތަކުން ކުރަން / ގަންނަން ގަސްތުކުރާ އެއްޗެއްގެ ކޯޓޭޝަން ފޯމާއިއެކު ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ލޯނަށް އެދޭ ފޯމާއިއެކު ބިޒްނަސް ޕްރޮޕޯސަލްއާއި ވިޔަފާރި ކުރަމުންދާ ފަރާތަކުން ލޯނަށް އެދި ހުށަހަޅާނަމަ ފާއިތުވި 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅަންވާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި ލޯނާއި ބެހޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށައަޅަންޖެހޭ ފޯމު އެ ކައުންސިލުގެ ވެބްސައިޓުންނާއި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.