English Edition
Dhivehi Edition

އަވަށްޓެރި އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ 14 ވަނަ ބަންގްބަންދު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް މަރުހަލާގެ އެނެމް ފަހު މެޗުގައި މުބާރާތް ބާއްވާ ގައުމު އިންޑިއާ އަދި ކުވައިތު މިރޭ ބައްދަލުކުރާނެއެވެ.

ގުރޫޕް އޭ ގައި ހިމެނޭ އިންޑިއާ އަދި ކުވައިތު މިއަދުގެ މެޗަށް ނުކުންނައިރު، މި ދެޓީމަށް ވެސް މިހާރުވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައެވެ. މީގެން ކޮންމެ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅުނުއިރު، ދެމެޗުންވެސް ދެ ޓީމުވެސް ވަނީ މޮޅުވެފައެވެ.

ގުރޫޕުގެ ފުރަތަމަ މެޗުގައި އިންޑިއާ މޮޅުވީ ޕާކިސްތާނާއި ވާދަކޮށް 0-4 އިންނެވެ. އަދި ދެވަނަ މެޗުގައި ނޭޕާލާއި ވާދަކޮށް އިންޑިއާ މޮޅުވީ 0-2 އިންނެވެ.

މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުވައިތު މިފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވީ ނޭޕާލާއި ވާދަކޮށް 1-3 އިންނެވެ. އަދި ދެވަނަ މެޗުގައި ޕާކިސްތާނާއި ވާދަކޮށް 0-4 އިންނެވެ. މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް އޭ ގެ އެއްވަނަ ލިބޭނެއެވެ.

އިންޑިއާ
އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 101 ވަނާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ.

މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ. އަދި މިފަހަރުގެ މުބާރާތަކީ އިންޑިއާގައި ބޭއްވޭ ހަތަރުވަނަ މުބާރާތެވެ.

ކުވައިތު
ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން ކުވެއިތުން ވޯލްޑް ކަޕް 1982 ގައި ވާދަކޮށްފައިވާ އިރު، ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި އެޓީމުން ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފައިނަލުން މޮޅުވެ، ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ.

އޭގެ ފަހުން ކުވެއިތަށް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދިފައިނުވި ނަމަވެސް، އެޓީމުން ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން އޭޝިއަން ކަޕް 1984 ގެ ތިންވަނަ ހޯދި އިރު، އޭޝިއަން ކަޕް 1996 ގެ ހަތަރުވަނަ ހޯދިއެވެ. އަދި އޭޝިއަން ކަޕް 2000 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.

އިންޑިއާގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އެންމެ ފެންވަރު ރަަނގަޅު ޓީމުގެ ގޮތުގައި ވެސް ފާހަގަވެފައިވަނީ ކުވައިތު ޓީމެވެ. އެ ޓީމުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ކުވައިތުން ވާދަކުރަމުން އަންނައިރު، މިއީ ދެކުނު އޭސިޔާ ސަރަހައްދުން ބޭރުން މި މުބާރާތުގައި ބައިވެރިވުމަށް އިންޑިއާއިން ދިން ދައުވަތަކަށް ބައިވެރިވި ދެޓީމުގެ ތެރެއިން އެއް ޓީމެވެ. ކުވެއިތުގެ އިތުރުން ދެން މި މުބާރާތަށް ދައުވަތުދީގެން ބައިވެރިވެފައިވަނީ ލުބުނާނެވެ.

އިންޑިއާ އަދި ކުވައިތުގެ ތާރީޚީ ކުރިމަތިލުންތައް

އިންޑިއާ އަދި ކުވައިތު މީގެ ކުރިން ތިން ފަހަރު ބައްދަލުކުރިއެވެ. އެއީ އޭސިއަން ގޭމްސް ގައާއި ބައިނަލްއަޤުއާމީ އެކުވެރިކަމުގެ ދެ މެޗެއްގައެވެ.

މީގެ ތެރެއިން ދެފަހަރު ކުވައިތު މޮޅުވެފައިވާއިރު، އިންޑިއާ މޮޅުވެފައިވަނީ އެއް ފަހަރުއެވެ. އިންޑިއާ ކުވައިތުގެ މައްޗަށް ކުރި ހޯދީ 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު 2-3 ގެ ނަތީޖާއިންނެވެ.