English Edition
Dhivehi Edition

ދިވެހިރެޑްކްރެސެންޓް ސ. ބްރާންޗުގެ ހިތަދޫ ޔުނިޓުން މިމަހު ބޭއްވުމަށް ހަމަޖެއްސި “ޔޫތު ކޭމްޕް 2017” ޑިސެމްބަރު 3 އިން 7 ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ކޭމްޕް ބާއްވަން ކުރިއަށް ހަމަޖައްސައިފައިއޮތީ ނޮވެމްބަރު 20 އިން 25 އަށެވެ. އެހެންނަމަވެސް އެދުވަސްވަރު ބައެއް ސުކޫލްތަކުގެ ގްރެޖުއޭޝަނާއި އެހެން ކަންކަން އޮންނާތީ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ގިނަކުދިންނަށް ފުރުސަތު ގެއްލެއެވެ. “އެހެންވެސް ގިނަކުދިނަށް ފުރުސަތު ދިނުމުގެ ގޮތުން ކޭމްޕް ފަސްކުރީ،” ހިތަދޫ ޔުނިޓުން ބުންޏެވެ. “ފަސް ކުރުމުން ގިނަކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ. އަދި ކޭމްޕުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ފުރުސަތުވެސް ލިބޭނެ،” އެތަނުން ބުންޏެވެ.

“101 އަވަރސް ވިތު އެމްއާރުސީ އެޓް އީކުއޭޓަރވިލެޖު” ގެ ނަމުގައި ބާއްވާ މިކޭމްޕުގައި، ދިރިއުޅުމުގެ ހުނަރުތަކާ ބެހޭ ތަފާތު މައުލޫމާތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޖެންޑަރ އީކުއަލިޓީ، މެންޓަލް ހެލްތު، ކޮންފިޑެންސް ބިލްޑިން، ލައިފް ސްކިލް، ސައިބަރ ސެކިޔުރިޓީ، އިންޓަވިއު ސްކިލްސް، ޕަބްލިކް ސްޕީކިން، ޑިޒާސްޓަރ ޕްރެޕެއާޑްނެސް ފަދަ އެތައް ކަމެއް ހިމެނެއެވެ.

މި ކޭމްޕުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި، 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ބައިވެރިވާން ބޭނުންވާ ކުދިން ފީއެއްގެ ގޮތުގައި 700 ރުފިޔާ ދައްކަން ޖެހެއެވެ. ބައިވެރިވުމުގެ އެންމެފަހު ދުވަހަކީ ނޮވެމްބަރު 30 އެވެ.

މިއީ ސްކޫލް ނިންމުމަށްފަހު ކުދިން މުޖުތަމައަށް ނުކުންނައިރު ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރު ކުރުމަށް ބާއްވާ ޚާއްސަ ކޭމްޕެކެވެ. މިދިޔައަހަރުވެސް އެމްއާރުސީން ވަނީ ޔޫތު ކޭމްޕް ބާއްވައިފައެވެ. އެ ކޭމްޕް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔަބު ކޭމްޕަކަށެވެ.