English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް އަށް ޝަރުތު ހަމަވާ ދަރިވަރުން، ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މި ސްކޮލަރޝިޕް ދެއްވުމުގެ މަޤްޞަދަކީ، މަތީ ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުމެވެ. މި ފުރުޞަތުގައި ލިބެނީ ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ.

މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ބޭނުންވާ ޤައުމެއްގައި ކޯސް ފުރިހަަކުރެވޭނެއެވެ.

ސްކޮލަރޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާއެއްގައި، 2022ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5މާއްދާއިން އޭ.ސްޓަރ ހާސިލްކޮށްފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާސިލްކޮށްފައިވުން ހިމެނެއެވެ. ނުވަތަ ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ”އިން ފެށިގެން މަތީ ގްރޭޑް ލިބިފައި އޮތުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަގޮތުން، ކުރިއަށްއޮތް 18 މަސް ދުވަހުގެތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ވާނެއެވެ. ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުން myedu.egov.mv ޕޯޓަލް މެދުވެރިކޮށް ލިޔުންތައް ހުށައެޅޭނެއެވެ.

ހުށައަޅަންޖެހޭ ލިޔެކިޔުމުގެތެރޭގައި ޖީސީއީ އޭލެވެސް ނުވަތަ ޝާހާދާ ސާނަވީގެ ސެޓްފިކެޓްތަކާއި، އަދި ޖީސީއީ އޮލެވެލްއާއި އައިޖީސީއެސްސީ އިމްތިހާނުގެ ސެޓްފިކެޓް ހިމެނެއެވެ. އަދި ކޯސް ހަމަޖެހިފައިވާނަމަ، ކޯހާއި ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް ހުށައަޅަންވާނެއެވެ.