English Edition
Dhivehi Edition

ލިވަޕޫލަށް ބަދަލުވާން ބޭނުންވާކަން އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އޭނާގެ މިހާރުގެ ކުލަބު ބޮރޫޝިއާ ޑޯޓްމަންޑަށް އަންގައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށްލާނެ ކަމަށް ބެލެވޭ ބެލިންހަމް ލިވަޕޫލަށް ބަދަލުވާން ބޭނުންކަން ހާމަކޮށްފައި މިވަނީ އޭނާ ހޯދުމަށް ޔޫރަޕްގެ ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބެލިންހަމް، 19، ގެންދަން މީގެ ކުރިން މަސައްކަތް ކުރި ތިން ކުލަބުގެ ތެރޭގައިވެސް ލިވަޕޫލް ހިމެނެއެވެ. ނަމަވެސް ފަހުން ލިވަޕޫލުން ވަނީ ބެލިންހަމް ހޯދުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ބުނެފައެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑުގެ އިތުރުން މެންޗެސްޓަރ ސިޓީ އިން ވެސް ވަނީ މީގެ ކުރިން ބެލިންގަމް ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ޑޯޓްމަންޑުން އޭނާ ދޫކުރަން ކިޔާ ފީގެ އަގު ބޮޑުކަމުން މި ކުލަބުތަކުން ފަހުން އޭނާ ގެންދިއުމަށް ކުރަމުން އައި މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ބެލިންހަމް ގެންދަން ބޭނުންވާ ނަމަ، ޓްރާންސްފާ ފީގެ ގޮތުގައި އެންމެ ކުޑަވެގެން 100 މިލިއަން ޕައުންޑް ހޭދަކުރަންޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ބެލިންގަމް ހޯދުމަށް މިވަގުތު ޔޫރަޕްގެ ބޮޑު އެއްވެސް ކުލަބަކުން މަސައްކަތް ކުރަމުން ނުދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށް ފަހު ލިވަޕޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފައިވީ ނަމަވެސް މާ ބޮޑު ހޭދައެއް އެއް ކުޅުންތެރިއަކަށް ލިވަޕޫލުން ނުކުރާނެއެވެ. އެހެން ކަމުން ލިވަޕޫލުން ބެލިންހަމް އަށް ބިޑްކޮށްފާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް މީގެ ކުރިން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ވަނީ ބެލިންހަމް އަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އަދި ބެލިންހަމް އަށް ޝައުގުވެރިވާކަން ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.