English Edition
Dhivehi Edition

ރޯވިން އެސޯސިއޭޝަންއޮފް މޯލްޑިވްސްއާއި މިނިސްޓްރީއޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ބާއްވާ ރޯވިން އޯޕަންޑޭ މަދަމާ ފަށާނެއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މަދަމާފަށާ ހަރަކާތް އޮންނާނީ ފޭދޫއިން ގަމަށްއަރަން އޮންނަ ކޯޒުވޭ ސަރަހައްދުގައި ކަމަށެވެ. މިއީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރޭގައި ފަލިޖަހަން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ދިނުމާއި، ކުޑަކުދިންނާ ގުޅޭ ތަފާތު ހަރަކާތްތަކާއި، ކުޅިވަރުތަކާއި، އަދިވެސް އެތައް ކަމެއް ހިމެނޭ ކަމަށް ހަބީބު ވިދާޅުވިއެވެ. ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކުގެ ތެރޭގައި އެކުދިންނަށް ހަދިޔާ ދިނުމާއި ފޭސް ޕެއިންޓިން ހިމެނެއެވެ. ފަލިޖަހަން ބޭނުންވާ ކުދިންނަށް އެފުރުސަތުދޭއިރު އެކުދިންގެ އެހީތެރިންގެ ގޮތުގައި ހުނަރުވެރި ރޯވިން ކޯޗުން މަސައްކަތް ކުރާނެއެވެ.

މިހަރަކާތުގެ މައިގަނޑު ބޭނުމަކީ ރޯވިންއަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެކަން ތަޖުރިބާ ކުރުމަށް ފުރުސަތު ހޯދައި ދިނުމާއި، އެ ކުޅިވަރަށް ކުދިންގެ ހިތްތަކުގައި ޝައުވެރިކަން އުފެއްދުމެވެ.

ރޯވިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއްކުޅިވަރެވެ. އަންނަ އަހަރު ބާއްވާ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައިވެސް ރޯވިން ހިމެނެއެވެ. އެހެންވީމައި އެމުބާރާތަށް ޓީމް އެކުލަވާލާއިރު އެކަށިގެންވާ ކުދިން ހޯދުމަށް އެސޯސިއޭޝަނުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ހަބީބު ވިދާޅުވީ މާދަމާގެ ހަރަކާތަކީ ޒުވާނުންނަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އެހެންކަމުން އޭގައި ބައިވެރިވެ އޯޕަންޑޭގައި ހިމެނޭ ހަރަކާތްތައް ތަޖުރިބާ ކުރުމަކީ ޒުވާނުންގެ ގާތުން އެދޭއެދުމެއް ކަމަށެވެ.

ފަލިޖެހުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ދެޖިންސުގެ ޒުވާނުންނަށް ހުޅުވައިފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުދިންނަށް ރޯވިންގެ ތަމްރީންތައް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ހަބީބު ވިދާޅުވިއެވެ. މިއީ އައްޑޫސިޓީގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ރޯވިން ކުރިއަރުވައި ތަރައްގީ ކުރެއްވުމަށް ސަރުކާރާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުން ދެއްވާ ކަމަށެވެ. “އެކަމަށްޓަކައި ސަރުކާރާއި ސްޕޯޓްސް މިނިސްޓަރ އިރުތިޝާމް އާދަމަށް ރޯވިން އެސޯސިއޭޝަނުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ހުރިހާ މުއައްސަސާތަކާއި އެތަންތަނުގެ ވެރިންނަށްވެސް ޝުކުރު ދަންނަވަން،” ހަބީބު ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރވަނީ ރޯވިން ރާއްޖޭގައި ދިރުވުމުގެ މުހިންމު ކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެ ކުޅިވަރަކީ ރާއްޖެއަށް އައު ކުޅިވަރަކަށްވިޔަސް އެކުޅިވަރު ތަރައްގީ ކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ޒުވާނުންނަށް އެދާއިރާއިން ރަނގަޅު ފުރުސަތު ލިބި އެކުޅިވަރު ތަރައްގީވާނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަންގެ ތިންވަނަ އޯޕަންޑޭ ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ދިރާގާއި އެމް7 ޕްރިންޓާއި، ހިތަދޫ ސްވާދިވް ރެސްޓޯރެންޓުންނެވެ.

ރޯވިންގެ ފުރަތަމަ އޯޕަންޑޭ ބާއްވާއިފައިވަނީ މިއަހަރު ކުރީކޮޅު ހިތަދޫގައެވެ. ދެވަނަ އޯޕަންޑޭ ބޭއްވީ ހުޅުމީދޫގައެވެ. މިފަހަރު މިބާއްވަނީ ތިންވަނަ އޯޕަންޑޭއެވެ.