English Edition
Dhivehi Edition

ޢަބްދުﷲ ފާރޫޤު ޙަސަން/
އިސްލާމް ދީނުގެ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ރިސާލަތުގެ ދަޢުވަތާއި ތެދުވެވަޑައިގަތީ މީލާދީން 610 ވަނަ އަހަރުއެވެ. އެ ދަޢުވަތަކީ ޤަބީލާތަކެއްގެ އަރާރުމާއި ވާދަވެރިކަމާ ތަކައްބުރު ނައްތައިލައްވައި އެއްބަނޑު އެއްބަފާކަމުގެ ނިޒާމެއް ބިނާ ކުރެއްވުމުގެ ދަޢުވަތެކެވެ. ބައިބައިވެފައިތިބި ހަރުކަށި ބަޔަކު އެއްބައިވަންތަ ކުރައްވައި ޤާނޫނުތަކަށް ބޯލަންބަވައި ދުސްތޫރީ އަދި ޖުމްހޫރީ ނިޒާމެއް ޤާއިމު ކުރެއްވުމުގެ ދަޢުވަތެކެވެ. ނިދާފައިއޮތް ޢިލްމީ ފިކުރުތައް ހޭލައްވައި ޙަރަކާތްތެރި ކުރެއްވުމުގެ ދަޢުވަތެކެވެ. ޖާހިލުކަމުގެ އަނދިރީގެ ތެރެއިން ޢިލްމާއި މަޢުރިފާގެ އަލިކަމުގެތެއަށް އިންސާނިއްޔަތު ނެރުއްވުމުގެ ދަޢުވަތެކެވެ. ނިވިފައިހުރި އަޚްލާޤީ އަގުތަކުގެ ދަންމަރުތައް އަލުން ދިއްލައިލެއްވުމުގެ ދަޢުވަތެކެވެ. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ފައިދަށުލެވި އަޅުވެތި ކުރެވިފައިތިބި ފަންތިތަކަކަށް މިނިވަންކަމާއި ހަމަހަމަކަމުގެ ސުވަރުގެއެއް ހޯއްދަވައި ދެއްވުމުގެ ދަޢުވަތެކެވެ.

އިސްލާމް ދީނުގެ ނަބިއްޔާ މިދެންނެވި ދަޢުވަތާއިގެން ކުރިޔަށް ވަޑައިގަތުމުގައި އިޚްތިޔާރުކުރެއްވީ ދަލީލުތަކުގެ ޒަރީޢާއިން އިންސާނީ ހިތްތައް ފަތަޙަ ކުރެއްވުމުގެ މަގެވެ. ހެޔޮ ނަސޭހަތްޕުޅާއި، ވަޢުޡާއި އިރުޝާދު ދެއްވުމުގެ މަގެވެ. ބޭނުންފުޅުވާ ނަތީޖާ ފެނިވަޑައިގަތުން ލަސްވަމުން ދިޔައިރުވެސް ކެތްތެރިވެވަޑައިގަތުމުގެ މަގެވެ. ނަމަވެސް އެދުވަސްވަރު މައްކާގެ ވެރިކަމުގައި ތިބި ކިބުރުވެރި ބޮޑުން އެ ދަޢުވަތު މާނަކުރީ އެބައިމީހުންނާއި އެބައިމީހުންގެ ވަންހަތަކުގެ ވެރިކަމަށް ކުރެވުނު ތަޙައްދީއެއް ކަމުގައެވެ. އެބައިމީހުންގެ ކާބަފައިންގެ ޝަރަފާއި ކަރާމާތަށް ދެވުނު ޙަމަލައެއް ކަމުގައެވެ. އެހެންކަމުން ހުއްޖަތާއި ދަލީލުގެ ތުރުކަސް ބަސް ހުސްވެފައިވާ އެހެންވެސް މީހުން ފަދައިން މައްކާގެ ޖާހިލިއްޔަތުގެ ބޮޑުން ސާހިބުން އިތުރު ސާހިބާގެ ހެޔޮކަމުގެ ދަޢުވަތާ ކުރިމަތިލީ އިންތިހާ ދަރަޖައިގެ ދެކޮޅުވެރިކަމާއެކުގައެވެ. ހައްދެއްނެތްފަދަ އަނިޔާވެރިކަމާއި ގަދަބަދަވިކަމާއެކުގައެވެ. އިތުރު ސާހިބާއަށާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީންނަށް އިންސާނީ ހަމްދަރުދީގެ ލަގޮނޑި ފަޅައިގެންދާވަރުގެ އިހާނެތި ކަންތައްތައް ކުރިމަތިކުރުވިއެވެ. ނަމަވެސް، ނަބަވީ ގޮތްކޮޅަކަށް ހެއްދެވީ ދީނީ ދަޢުވަތުގެ ސިލްސިލާ ކުރިޔަށް ގެންދެވުމެވެ. މައްކާގެ މުޝްރިކުންގެ ނިރުބަވެރި ޢަމަލުތަކުގެ ޖަވާބުގައި ހަރުކަށިކަން ނުދެއްކެވުމެވެ. ޤުރައިޝުންގެ އަނިޔާވެރިކަން އިންތިހާޔަށް ދިޔައިރުވެސްމެއެވެ. އިތުރު ސާހިބާގެ ޞަޙާބީންވެސް ގެންދެވީ އަނިޔާވެރިކަމަށް ކެތްކުރައްވަމުންނެވެ. ޞަޙާބީންގެތެރެއިން މައްކާގައި ތަންކޮޅެއް ނުފޫޒުހުރި ބައެއް ބޭކަލުން ހަށިކޮޅުތައް ފާރުވެ، އިސްތަށިފުޅުތައް ފެޅިފައިވާ ޙާލުކޮޅުގައި ވަޑައިގެން ހަނގުރާމައިގެ ހުއްދަ އެދިވަޑައިގަންނަވަމުން ގެންދެވިއިރުވެސް ބާރުގެ ބޭނުން ކުރެއްވުމަކަށް ރުހިވަޑައެއް ނުގަންނަވައެވެ. ކައު ސާހިބާ صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންނަށް އަމިއްލަފުޅު ވަޒަން ދޫކޮށްލެއްވުމުގެ ހުއްދަ ދެއްވިއެވެ. ނަމަވެސް ޤުރައިޝުންނާ ދެކޮޅަށް އެއްވެސް ކަހަލަ ބާރެއްގެ ބޭނުން ކުރެއްވުމުގެ ހުއްދައެއް ނުދެއްވައެވެ. ޤުރައިޝުންގެ އަނިޔާވެރިކަމުގެ ޠޫފާން މުސްލިމުންގެ ނޭފަތުކުރި ފެނުޖެހޭވަރަށް އުތުރިއެރިއެވެ. އިތުރު ސާހިބާއާއި އެކަލޭގެފާނުގެ އަހުލުބައިތުން ޙިޞާރުކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްޞާދީ ގޮތުން ބޮއިކޮޓް ކުރިއެވެ. އިންތިހާ ދަރަޖައިގެ ހައިހޫނުކަން ކުރިމަތިކުރުވިއެވެ. އިތުރު ސާހިބާ އޭރުވެސް ގެންދެވީ ތެދުމަގަށް ގޮވައިލައްވަމުންނެވެ. ނުހަނު ކެތްތެރިވެވަޑައިގެން ހުންނަވައެވެ. އެކަލޭގެފާނު ސާބިތުވެވަޑައިގެން ހުންނެވީ، މާތް ﷲ އަށް އީމާންވުމަށް ދަޢުވަތު ދެއްވުމުގައެވެ. ހެޔޮކަންތަކަށް އަމުރުކުރެއްވުމާއި، މުންކަރާތްތައް ނަހީކުރެއްވުމުގައެވެ. މައްކީ ދައުރުގައި މުސްލިމުންނަށް ހައިބަބޮޑު އަނިޔާތަކާ ކުރިމަތިލާން ޖެހިފައިއޮތްއިރު، ކީރިތި ޤުރްއާނުގައިވެސް އިރުޝާދު ދެއްވަމުން ގެންދަވާފައިވަނީ މުޝްރިކުންނާ ދެކޮޅަށް ތެދުވާކަށެއް ނޫނެވެ. މާތް ﷲ ހަނދުމަކުރުމަށެވެ. ކެތްތެރިވުމަށެވެ. މާތް ﷲ އަށް ވަކީލުކުރުމަށެވެ. އިސްތިޣުފާރު ކުރެއްވުމަށެވެ. ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވާފައިވަނީ މިދަންނަވާ ގޮތަށެވެ. “ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަ ކުރައްވާށެވެ! އަދި (އެހެން ހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއެކު ކުއްތަންވެ ވަޑައިގަންނަވާށެވެ. (އެއީ) މަޝްރިޤާއި މަޣުރިބުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފަހެ، ވަކީލަކުކަމުގައި އެކަލޭގެފާނު އެކަލާނގެ ޚިޔާރު ކުރައްވާށެވެ. އަދި އެއުރެން ބުނާ ބަސްތަކަށް، ކަލޭގެފާނު ކެތްކުރައްވާށެވެ. އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ. އަދި ފައިސާވެރި، ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް މުހުލަތު ދެއްވާށެވެ.” (އަލްމުއްޒައްމިލް: 11- 8) އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ” ފަހެ، ކަލޭގެފާނު ކެތްކުރައްވާސެވެ! ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެކެވެ. އަދި ކަލޭގެފަނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު ޙަމްދާއެކު ތަސަބީޙަ ވިދާޅުވާށެވެ.” (ޣާފިރު: 55) އާދެ، މުޝްރިކުންގެ އަނިޔާވެރިކަމާއި ދެކޮޅުވެރިކަން ޙައްދުފަހަނަޅައި ދިޔައިރުވެސް، ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވަމުން ގެންދެވީ މިމޭރުމުންނެވެ. ނަބަވީ ސީރަތުން ނަމޫނަ ފެނިފައިވާގޮތް، މަތީގައި ބަޔާންކޮށްފައި އެވަނީއެވެ. އާދޭހެވެ. ކުރިންވެސް ދެންނެވިފަދައިން އިސްލާމް ދީނުގެ ނަބިއްޔާ، ބާރުގެ ބޭނުން ކުރެއްވުމުގެ ބަދަލުގައި ޚިޔާރުކުރެއްވީ، ރީތި ޚުލުޤުފުޅެވެ. މާތް އަޚްލާޤެވެ. ޙަޤީޤީ މާނައިގައި އިންސާނީ ޖައުހަރަކީ އެއީއެވެ. އިތުރު ސާހިބާ އެކަލޭގެފާނާ އިދިކޮޅުމީހުންގެ މައްޗަށް ފަތަޙަ ހޯއްދެވީ އެ ޖައުހަރުގެ ޒަރީޢާއިންނެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ ޞުލްޙަވެރި ދަޢުވަތުގެ މަސައްކަތްޕުޅުގައި ފަރުބަދައެއްފަދަ ސާބިތުކަމާއެކު ދެމިހުންނަވައި ކުރައްވަމުން ގެންދެވި އިޚްލާޞްތެރި މަސައްކަތްޕުޅުގެ ހެޔޮނަތީޖާ މަޑުމަޑުން ފެންނާން ފެށިއެވެ. އެކަލޭގެފާނުގެ ފިކުރީ އިންޤިލާބުގެ ދަޢުވަތަށް ފާޅުގައި ތާއީދުނުކުރިޔަސް، އެ އިންޤިލާބާމެދު އެތައްބައެއްގެ ހިތްމަޑުވިއެވެ. އެ އިންޤިލާބަށް ހަމްދަރުދީވާ އެތައްބަޔަކު އުފެދުނެވެ. އިތުރު ސާހިބާގެ މަތިވެރިކަމާއި ތެދުވެރިކަމަށް ހިތުގެ ފުންމިނުން އިޢުތިރާފުވާ މީހުން ގިނަވާން ފެށިއެވެ. އިތުރު ސާހިބާއާމެދުގައްޔާއި، އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާމެދު އެބައިމީހުންގެ ހިތްތަކުގައި ހަމްދަރުދީގެ ޖަޒުބާތު މޯޅިއަށް ދެމެން ފެށިއެވެ. މުޝްރިކުންގެ ބޮޑުންގެ އިންތިހާދަރަޖައިގެ މަސައްކަތާއެކުވެސް، އެބައިމިހުންގެ ވަށައިގެންތިބި މީހުންތައް ދުވަހެއް ދުވަހަކަށް ދިޔައީ ތުނިވަމުންނެވެ. މައްކާގެ މުޝްރިކުންގެ ޒަޢީމުންނަށް މި ޙަޤީޤަތް އޮޅުން ފިލިވަރަކަށް އެބައިމީހުންގެ ރުޅިގަދަވިއެވެ. އަނިޔާވެރިކަން އިތުރުވިއެވެ. އެހެންކަމުން މައްކާގެ ބޭރުން އިސްލާމް ދީނަށް ނަޞްރުދޭނެ އަންޞާރުންނާއި މަދަދުގާރުން ހޯއްދަވަން އިތުރު ސަހިބާ ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު އިތުރުކުރެއްވިއެވެ. އެ މަޤްޞަދުގައި ޠާއިފަށް ދަތުރުފުޅެއް ކުރެއްވިއެވެ. މައްކާގައި ހުޅުވޭ އެކިއެކި ބާޒާރުތަކުގައި ބައިވެރިވުމަށާއި ޙައްޖަށް އަންނަ އެކިއެކި ޤަބީލާތަކަށް އިސްލާމް ދީނަށް ދަޢުވަތު ދެއްވަން ފެއްޓެވިއެވެ. އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި އެކަލޭގެފާނަށް ނަޞްރުދީ އެކަލޭގެފާނު ޙިމާޔަތްކޮށްދިނުމަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ބައެއް ޤަބީލާތަކުން އެމާތް ސަހިބާ ހާރުވައި ފުރައްސާރަކުރިއެވެ. މަލާމާތުގެ ވިހަބަސްތައް ކަންފަތްޕުޅާ ހަމައަށް ފޯރުވިއެވެ. ބައެއް ޤަބީލާތަކުން ޤުރައިޝުންދެކެ ބިރުގަންނަ ވާހަކަ ދަންނަވައި ރީތި އަޚްލާޤާއެކު ޢުޒުރުވެރިވިއެވެ. އިތުރު ސާހިބާ صلى الله عليه وسلم އެކަލޭގެފާނުގެ އަޒުމުފުޅަށް ގުޑުމެއް އަޔަކަނުދެއްވައެވެ. ސާބިތުކަމަށް ލޮޅުމެއް އެރިޔަކަށް ނުދެއްވައެވެ. ނިޔާފުޅުގައި ކަނޑައެޅިފައިވާ ވަގުތު އައުމާއެކު މަދީނާގެ އައުސު ވަންހައާއި ޚަޒުރަޖު ވަންހައަށް ނިސްބަތްވާ ހަބޭކަލަކާ އިތުރު ސާހިބާއާ ބައްދަލުވެވަޑައިގެންނެވިއްޖެއެވެ. މިނާގެ ކައިރީގައިވާ ފަރުބަދަތެރޭގެ މަންޒިލަކުންނެވެ. އިތުރު ސާހިބާ صلى الله عليه وسلم އެބޭކަލުންނަށް އިސްލާމް ދީނަށް ގޮވައިލެއްވިއެވެ. އެބޭކަލުން ހިތްޕުޅުގެ އަޑީން އިސްލާމްދީން ގަބޫލުކުރެއްވިއެވެ. މަދީނާގައި އިސްލާމް ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ ޒިންމާއާ ޙަވާލުވެވަޑައިގެންނެވިއެވެ. ވިދިގެންއައި އަހަރު މަދީނާގެ ބާރަ ބޭކަލަކު މައްކާއަށް ވަޑައިގެން އިތުރު ސާހިބާގެ އަތްޕުޅުމައްޗަށް ބައިޢަތުހިއްޕެވިއެވެ. އެބޭކަލުން ބައިޢަތުހިއްޕަވައި ޙައްޖުގެ މަނާސިކުތަކުން އަވަދިވެވަޑައިގެން ރަށަށް ވަޑައިގެންނެވިއިރު ކައު ސާހިބާ صلى الله عليه وسلم އެކަލޭގެފާނުގެ ފުރަތަމަ ސަފީރު މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އެބޭކަލުންގެ އަރިހުގައި މަދީނާއަށް ފޮނުއްވިއެވެ. ނަބީކަމުގެ ތޭރަ ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މަދީނާގެ އަންޞާރުންގެ ހަތްދިހައަށްވުރެ ގިނަ ބޭކަލުން މައްކާއަށް ވަޑައިގެން ކައު ސާހިބާ صلى الله عليه وسلم ގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވިއެވެ. (ނުނިމޭ)

  • މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.