English Edition
Dhivehi Edition
4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވުން - ފޮޓޯ: ރައީސް އޮފީސް

މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެދުމަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޖަރޒީ ވެދުމަށްއަރުވާފައި ވަނީ މިދިޔަ ޙަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެެއްގައެވެ.

4 ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައެވެ.

ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީވެސް މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ. 4 ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.