English Edition
Dhivehi Edition

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އިނާމްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޚާއްސަ އިނާމު ލިބިވަޑައިގެންނެވީ 23 ބޭފުޅަކަށާއި ނައިފަރު ޖުވެނައިލް ޖަމްއިއްޔާއަށެވެ. އިނާމް ލިބިވަޑައިގެންވި މީހުންގެތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 3 ބޭފުޅަކު ހިމެނެއެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 20 ބޭފުޅުން ހިމެނެއެވެ. އޭގެ އިތުރަށް ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ އަމިއްލަ ޖަމްއިއްޔާއެއް ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 3 ބޭފުޅުންނަކީ ގ. ނާރެހި ޑޮކްޓަރ މަރްޔަމް ސުޒާނާ، ޅ. ހިންނަވަރު، ނިޝާން، ޑޮކްޓަރ މަރްޔަމް ވަސީމާ، ނ. ކެނދިކުޅުދޫ، ކުއްޅަވަށްގޭ، ޑޮކްޓަރ ފަޟީލާ ވަހީދެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 20 ބޭފުޅުންނަކީ:
މާސްޓްރޒް ޑިގްރީ:

1. އަލްއުސްތާޛު މުޙައްމަދު ރިޟާ ހ. އުމަރުފަރު
2. ޙާރިޘަތު މުޙައްމަދު ސ. ހިތަދޫ ރަންފަސް
3. އަޙްމަދު ޢާޞިމް ހ. މަލާގާ
4. އިބްރާހީމް އަންވަރު އއ. ރަސްދޫ ބްލޫމީޑް
5. ޢާޠިފާ ޒަކަރިއްޔާ ހއ. މާރަންދޫ ނޫރަލީގެ
ޕޯސްޓް ގްރޖުއޭޓް ޑިޕްލޮމާ:
6. ދިޔާނާ ޢަބްދުﷲ ދ. ހުޅުދެލި ރަންކޮކާގެ
ބެޗްލަރސް ޑިގްރީ:
7. ޢާއިޝަތު ޒިދުމާ ރ. ވާދޫ އުދަރެސް
8. އަޙްމަދު މިފުޒާލް އއ. އުކުޅަސް ހީނާމާގެ
9. ޚަދީޖާ ލީޒާ ހއ. ކެލާ ނިވާދަށުގެ
10. ހަނާ މުޙައްމަދު ސަޢީދު ބ.މާޅޮސް ހަވޭލި
11. ޝާހިދާ ޢަބްދުލްޣަފޫރު ބ. އޭދަފުށި ފުނަދޫގެ
12. އަލްއުސްތާޛާ ޢާއިޝަތު ރުހްޝާ ނަޝީދު މ. ކަޅި މާލެ
13. އަޙްމަދު ޒަކަރިއްޔާ ހދ.ކުޅުދުއްފުށި ހިތިގަސްދޮށުގެ
14. އަލްފާޟިލް އަޙްމަދު ނަޝްވާން ޢަބްދުލްމަތީން ގ.ޗަމަން މާލެ
15. އަޙްމަދު ރާމިޙު އއ. އުކުޅަސް ގުލޭނޫރަންމާގެ
16. ފާޠިމަތު އަމްނާ ޢަޒީޒް ލ. މާވަށް މާޒީ
17. ޚަދީޖާ އަޙްމަދު ޏ. ފުވައްމުލައް ފުނާޑު ލަގްޒަރީވިލާ
18. ޙަސަން ނަޞީޙު ބ. އޭދަފުށި ރޯޝަނީގެ
19. ޝާޢިރާ އަޙްމަދު ހދ. ކުޅުދުއްފުށި ހޭޅި
20. ޢާއިޝަތު ޢަޒުމާ ބ. އޭދަފުށި އަތިރީގެ

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލުކުރެއްވި ޖަމުޢިއްޔާއަކީ ޖަރނީއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިވަޑައިގަތް ބޭފުޅަކީ އިންޑީއާ ރައްޔިތެއް ކަމަށްވާ ޑޮކްޓަރ އިމްތިޔާޒް މުޙްސިނެވެ. އޭނާ އަކީ ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ.

ރޭގެ ޖަލްސާގައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޒުންނަށާއި، 2016 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށާއި، 2017 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާ މެޑެލްވެސް ދެއްވިއެވެ. މީގެއިތުރުން، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ސްކައުޓުންނަށާއި، ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް އެ ޝަރަފު ދެއްވުން ވެސް އޮތެވެ.

މި ރަސްމިއްޔާތުގައި، ޖުމްހޫރީ 50 ގެ ލޯގޯ އާއި ލަވަ ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވިއެވެ.