English Edition
Dhivehi Edition

މީގެ 18 އަހަރު ކުރިއެވެ. އެ ދުވަހު ރާއްޖޭގެ ރަށްތަކުން ފެނުނީ ދުހަކުވެސް ހަނދާނުން ދިކުވާލަން އުނދަގޫ ހިތްދަތި މަންޒަރުތަކެކެވެ. ބިންދާލި ބިޔަ ބޮޑު ރާޅަކާއެކު އެތަކެއް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލިއެވެ. ގިނަ ބަޔަކު ބިކަވެ ހާލުގައި ޖެހުނެވެ. ލޯބިވާ އެތައް ބަޔަކު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެ ދިޔަ އެވެ. އެއީ ދިވެހި ތާރީޚު މިހާތަނަށް ދުއް އެންމެ ބިރުވެރި ނާމާން ދުވަސް ކަމުގައިވާ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.

އެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން އެންމެ ރީތިކޮށް ދައްކުވައިދިން އެއް ދުވަހެވެ. ހާލުގައި ޖެހުނު އަޚުންނާއި އުޚުތުންނަށް އިންސާނިއްޔަތަށްޓަކައި އެހީތެރިކަމުގެ އަތްތައް ދިއްކޮށްލި ދުވަހެވެ.

އެ ދުވަހު ކޮންމެ ދިވެއްސަކު ވެސް ބެލީ އެމީހަކަށް ވެވުނު ވަރަކުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭތޯ އެވެ. ބޯހިޔާވަހިކަމުގެ ގޮތުންނާއި ފައިސާގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް މެއެވެ.

އެދުވަހަށްފަހު ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ އެދުވަހު ދިވެހިން ދެއްކި ރިވެތި ނަމޫނާ މިސާލުންނެވެ.

މި ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަ ކުރާއިރު، ހާލަތު ވަރަށް ތަފާތެވެ. އޭރު ދެއްކި އެއްބައިވަންތަކަން މިއަދު ކަފުންކޮށް ވަޅުލައިފިކަމަށް ގިނަބަޔު އަންނަނީ ބުނަމުންނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު މިއޮތީ ސިޔާސީ އޮއިވަރުގައި ޖެހި ބައިބައިވެ ކުދިކުދިވެފައެވެ. އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާކަމުގެ އިތުރުން މައިވަންތަ ކަމުގެ ކުލުނުވެސް މިއަދު މި މުޖުތަމަޢުގައި ނެތޭ ބުނެވިދާނެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

މިއީ މިއަދު އެބުނާ އެއްބައިވަންތަކަމުގެ ދުވަހާއި ކުރިމަތިލިއިރު އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު ހުރި ގޮތެވެ. މިފަދަ ކަންކަމުން އެއްކިބާވެ އެދުވަހު ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި މިސާލު މިއަދުވެސް އަހަރެމެންގެ ކިބައިން ފެންނަން އެބަޖެހެއެވެ.

ބައިބައި ވުމާއި ތަޅާފޮޅުމާއި ނޭންގާނީ އެންމެހައި ކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިވެ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަގުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން އެދުވަހު ދުވެހީން ދެއްކި ނަމޫނާ އެއްބައިވަންތަކަމުގެ ރިވެތި މިސާލު މިއަދުވެސް މި މުޖުތަމައުން ފެންނަން އެބަޖެހެއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ އެންނެ ބޮޑު މަޤުޞަދަކީ ވެސް އެއީ ނޫންތޯއެވެ. އެހެން ނޫން ނަމަ މި ދުވަސް އަހަރެމެންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުގެ މާނައެއް ނެތެވެ.