English Edition
Dhivehi Edition

ދުނިޔޭގެ ޗެމްޕިއަން ކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަން މިފަހަރުގެ ވޯލްޑް ކަޕް މުބާރާތާއި ކުރިމަތިލިއިރު، ކަންތައް ވެގެން ދަނީ އެ ޓީމުން އުންމީދު ކުރި ގޮތައި މުޅިން ޚިލާފައެވެ.

ފަސްވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމުގެ އަޒުމުގައި މިފަހަރުގެ މުބާރާތާއި ޖަރުމަން ކުރިމަތިލި ނަމަވެސް މިހާރު އޮތް ގޮތުން މުބާރާތާއި އެކު އިތުރަށް ކުރިޔަށް ދިއުމަށް ޖަރުމަނަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. މުބާރާތުގެ ފަހު މެޗަށް މިރެ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، ޖަރުމަނަށް އޮތީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ކެނޑިފައެވެ.

އެހެން ކަމުން ގުރޫޕުގެ ފަހު މެޗަށް މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، އެޓީމު އޮތީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ގުރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުހޯދި ގުރޫޕުގެ އެންމެ ފުލުގައި އޮތް ޖަރުމަނު މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، މިއީ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކޮންމެހެން މޮޅުވުން މަޖުބޫރު މެޗެކެވެ. ނަމަވެސް މި މެޗުން ޖަރުމަނު މޮޅުވި ނަމަވެސް އެޓީމަށް ދެވަނަ ބުރަށް ދިމުމުގެ ފުރުޞަތު ވަރަށް ހަންޏެވެ.

ޖަރުމަނުން މިހާތަނަށް ދެ މެޗު ކުޅުނުއިރު، ހޯދިފައިވަނީ އެންމެ ޕޮއިންޓެވެ. ކުޅުނު ފުރަތަމަ މެޗުން ޖަޕާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ސްޕެއިން އަތުން ވީއެއްވަރެވެ. އެހެން ކަމުން މިރޭގެ މެޗަށް ކުރިމަތިލާއިރު، ޖަރުމަން އޮތީ އެންމެ ޕޮއިންޓަކާއި އެކު ގުރޫޕް އީގެ އެންމެ ފުލުގައެވެ.

މިރޭ ގެ މެޗުން ކޮސްޓަރިކާގެ މައްޗަށް ޖަރުމަނުން ކުރި ހޯދި ނަމަވެސް އެޓީމަށް ލިބޭނީ ހަތަރު ޕޮއިންޓެވެ. އެހެން ކަމުން މިރޭ އެ ގުރޫޕުގައި ހިމެނޭ ޖަޕާން އަދި ސްޕެއިން ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް އަދި ޖަޕާން މޮޅުވެގެން ނިމުނު ނަމަވެސް ޖަރުމަނަށް ޖެހޭނީ މުބާރާތާއި ވަކިވާށެވެ.

ދެވެނަ ބުރުގެ ފުރުސަތެއް ޖަރުމަނަށް ލިބެން އޮތީ އެޓީމުން ކޮސްޓަރިކާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަދި ޖަޕާން މިރޭގެ މެޗުން ސްޕެއިން އަތުން ބަލިވެގެންނެވެ. އެ ނޫން ގޮތަކަށް ޖަރުމަނަށް ދެވަނަ ބުރުގެ ފުރުސަތެއް ނެތެވެ.

މިރޭ ޖަރުމަން ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، މިއީ މި ދެޓީމުން ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެޓީމުން ބައްދަލުކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ގުރުޕް އޭގެ ފަހު މެޗުގައެވެ. އެފަހަރުގެ މެޗު 2-4 އިން ކާމިޔާބު ކުރީ ޖަރުމަނުންނެވެ.