English Edition
Dhivehi Edition

ރާއްޖޭގައި މަސްވެރިކަން މިދުވަސްކޮޅު ރަނގަޅުވެ ބާނާމަހުގެ އަދަދު އިތުރުވުމުން މަސްގަތުން ކޮންޓްރޯލް ކުރަންޖެހުމަކީ ދެރަވާ ކަމެއް ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ މިހާރު އުފެދިފައިވާ މަސްވެރިކަމަކީ ޝުކުރުވެރިވާ ފަދަ މަސްވަރިކަމެއް ކަމަށެވެ. އެހެންނަމަވެސް ހުރިހާމަހެއް މިފްކޯއަށް ނުގަނެވެނީ އެވަރަށް ކުންފުނީގައި ޖާގަނެތުމުން ކަމަށެވެ. މަސްވެރިން ބުނެފައިވަނީ މިފްކޯއިން އަނެއްކާވެސްވަނީ މަސްގަތުން ކޮންޓްރޯލް ކޮށްފައި ކަމަށެވެ. “ދޯންޏަކުން މިހާރު ގަންނަނީ ތިންޓަނުމަސް،” މަސްވެރިއަކުން ބުންޏެވެ. އަދުލީ ވިދާޅުވީ ފާއިތުވި ދިހަވަރަކަށް އަހަރަށް ބެއްޔަސް މިދުވަސްވަރު އުފެދިފައިވާވަރުގެ ރަނގަޅު މަސްވެރިކަމެއް އުފެދިފައިނުވާ ކަމަށް ދެންނެވިދާނެ ކަމަށެވެ. “ރާއްޖޭގައި މިހާރު އުފެދިފައިވާ މަސްވެރިކަން ނުދެކޭތާ ދިހަ އަހަރުވެދާނެޔޭ ދެންނެވިޔަސް ރަނގަޅުވާނެ. މިހާރު އައިސްފައިވަނީ އަޅުގަނޑުމެން ޝުކުރުވެރިވާފަދަ މަސްވެރިކަމެއް. އަޅުގަނޑު ހަމަދެރަވޭ ބައެއް ދުވަސްދުވަހު މަސްގަތުން ކޮންޓްރޯލް ކުރަންޖެހޭތީ. އެކަމަކު ކީއްތޯކުރާނީ. ކުންފުނީގައިނެތް ކެޕޭސިޓީއެއް ނުވަތަ އަޅުގަނޑުމެން އިންވެސްޓް ނުކޮށްހުރި ކެޕޭސިޓީއެއް ވަގުތުންވަގުތަށް އިތުރުވެސް ނުކުރެވޭނެ ނޫންތޯ؟ މިސާލަކަށް ދުވާލަކު ހަތަރުސަތޭކަ ފަންސާސްޓަނުމަސް ނަގާކަށްނޫން މިސްފްކޯއިން އިންވެސްޓް ކޮށްފައިވަނީއެއް،” އަދުލީ ވިދާޅުވިއެވެ. އެހެންނަމަވެސް ކުންފުންޏަށް އެންމެގިނައިން ގަނެވެންއޮތް މިންވަރަކަށް ކޮންމެ ދުވަހަކުވެސް މަސްގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަން މިހާރަނގަޅުވެފައިވީނަމަވެސް ހުވަދުއަތޮޅުގައިވެސް ހޮރައިޒަންގެ ބޯޓެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯއަށް މިހާޕްރެޝަރ ބޮޑުވަނީވެސް މިދުވަސްވަރު ހޮރައިޒަންގެ ބޯޓެއްނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. “އެމީހުން ތިބޭނަމަ ފަންސާސްޓަނުނަގާފައި އައްޑުއަށް ކޮންސަންޓްރޭޓް ކުރުމަށް އިތުރުބޯޓެއް އަޅުގަނޑުމެންނަށް ފޮނުވޭނެ ދެއްތޯ. މިދުވަސްވަރު އައްޑޫގެ މަސްވެރިކަންވެސް ވަރަށް ރަނގަޅު،” އަދުލީ ވިދާޅުވިއެވެ.