English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޒްރޭލުގެ މެކަބީ ހައިފާއާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މި މެޗު އަމިއްލަ ދަނޑުގައި ކުޅެ ޔުވެންޓަސް ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ.

މިއީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޔުވެންޓަސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ހަމަ އެކަނި މެޗެވެ. ކުރިން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެފެ.

ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައިއެވެ. މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ ރާބިއޮޓްއެވެ. އެއީ އެންހެލް ޑި މާރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ލަނޑެކެވެ. ޔުވެންޓަސްގެ ދެ ވަނަ ލަނޑު 50 ވަނަ މިނެޓުގައި ވްލަހޮވިޗް ޖެހީ ވެސް ޑި މާރިއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އޭގެ ފަހުން 75 ވަނަ މިނެޓުގައި ޑޭވިޑް ވަނީ މެކަބީ ހައިފާ އަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ޑި މާރިއާ ދިން ބޯޅައެއްގައި ރާބިއޮޓް ވަނީ 83 ވަނަ މިނެޓުގައި ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖަހާފައެވެ.

ރޭގެ މި މެޗުން ހޯދި މޮޅާއި އެކު ޔުވެންޓަސް އޮތީ ތާވަލްގެ ތިން ވަނަ މަގާމުގައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އެވެ. ދެ ވަނައިގައި އޮތް ބެންފީކާ އަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީން ކުރި ލިބެނީ ފައިދާ ގޯލުންނެވެ.