English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި ރޭ ގދ.ތިނަދޫ 3-1 ލަނޑުން ބަލިކޮށް ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް ތާވަލްގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފިއެވެ.

ގދ.ތިނަދޫ އާއި ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނިއުއަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިދީފައިވަނީ ކަންޑޭލާއެވެ.މި ލަނޑު ކަންޑޭލާ ކާމިޔާބުކޮށްފައިވަނީ މިދިޔަ ސީޒަންގައި ރާއްޖޭގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އަދި ނިއުގައި މޮޅުކުމެއް ދައްކަމުން ދާ އަލީ ފާސިރު(ސެންޓޭ) ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ލަނޑަށް ފަހުވެސް ގިނަ ހަމަލާތަށް ނިއުއިން ތިނަދޫގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވާއިރު ނިއުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކޮށްދީފައިވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ އަޝްފާގް(ދަގަނޑޭ)އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި ތިނަދޫއިން މެޗުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 65 ވަނަ މިނިޓްގައި އަވީލާގެ ލަނޑުން މެޗުގެ ލީޑު ކުޑަ ކުރިނަމަވެސް ނިއުއިން ވަނީ ގަލާޑޯގެ ލަނޑުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުން ހޯދި މޮޅާއި އެކު ލީގު ތާވަލްގެ އެއް ވަނައިގައި 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ނިއުރެޑިންޓް އޮތް އިރު ދެ ވަނައިގައި ޓީސީ އޮތީ 10 މެޗުން 25 ޕޮއިންޓާ އެކު އެވެ. މިރޭ ކުޅޭ މެޗުން ށ. މިލަންދޫ އަތުން ޓީސީ މޮޅުވެއްޖެނަމަ ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.