English Edition
Dhivehi Edition
ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެން އަލަށް އިސްކޫލަށް ދިޔަ ދުވަހަކީ ވަރަށް ހާސްވެ ކަންބޮޑުވި ދުވަހެއް ނޫންތޯއެވެ؟ ދުނިޔޭގެ ދެބައިހަމައިގެ އުތުރުގައިވާ ހުޅަނގު ގައުމުގައުމާއި މެދުއިރުމަތީގައި ވެސް ކޮންމެ ތައުލީމީ އަހަރެއް ފަށަނީ ހޫނުމޫސުމުގެ ދިގު ޗުއްޓީއަކަށް ފަހުގައެވެ. ބައެއް ހިސާބުގައި ކިޔެވުން ފަށަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަނެއްބައި ހިސާބުގައި އޮކްޓޯބަރުމަހުގެ ކުރީކޮޅުގައެވެ.

މީގެ ހައެއްކަ ހަފުތާކުރިން، އެމެރިކާގެ ތުއްތު ދަރިވަރު އެލާ މިޗެލް (Ella Mitchell) އާއި އޭނާގެ މަންމަ ދަތުރުކުރަމުން ދިޔަ ބަހެއްގައި ތުއްތު އެލާ މިޗެލް އޭނާގެ މަންމަގާތުގައި، މަންމައާއި ޖެހިގެން ހުރި ގޮނޑީގައި އިނދެ ދެއްކި ވާހަކައަކީ އަލަށް އިސްކޫލަށް ވަންނަންޖެހޭތީ އެކަމާ ހާސްވެ ކަންބޮޑުވާ ވާހަކައެވެ. އޭބީސީޑީގެ އަކުރުތަކާއި ވިޔައަކުރުތައް ދެނެގަންނަންޖެހޭނެކަމާއި އަދިވެސް އޭނާ އެކަންކަމަށް ނުފަރިތަކަމުގެ ވާހަކައެވެ. އަދި ކުލާހުން ދިމާވެދާނެ ތަފާތު ކުދިންގެ ވާހަކައެވެ. އޭނާއަށް އުނދަގޫކޮށް ތޮޅޭނެ ކުދިން ވެސް ކުލާހުގުގައި އުޅެފާނެކަމުގެ ބިރުވެސް މަންމައާ ހިއްސާކުރަމުން ގެންދިޔައެވެ!

މި ދެމައިންގެ ވާހަކަތައް، ފަހަތުގައި ހުރި ގޮނޑީގައި އިންދެގެން އެހެންމީހަކު އަޑުއަހައިފާނެކަމަށް މި ދެމައިން ހަމަ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. ވަކި ހިސާބަކަށް ބަސް ހުއްޓުމުން، ތެއްތު ދަރިފުޅުގެ މަންމައަތަށް މީހަކު ކުޑަވަރެއްގެ ކަރުދާސްކޮޅެއް ފަށްޖަހާލައިފައި ދިއްކޮލުމުން ބޭއިޚްތިޔާރުގައި މަންމަ އަށް އެ ކަރުދާސްކޮޅުގައި ހިފުނެވެ. ތުއްތު އެލާ މިޗެލްގެ މަންމަ ފަހުން ކިޔައިދިން ގޮތުގައި އޭނާ އެ ކަރުދާސްކޮޅުގައި ހިފި ވަގުތު ހިތަށްއެރީ އެއީ އަނެއްކާ ކޮން އެއްޗެއް ލިޔެފައިވާ ކަރުދާސްކޮޅެއްބާއެވެ! މި ކަހަލަ ޚިޔާލެއްގައި ހުރުމުން، އެ ކަރުދާސްކޮޅު ލިޔުނުމީހާގެ މޫނަށް ބަލައިލާކަށް ވެސް ހަނދާނެއް ނުވިއެވެ! ނޯޓުކަރުދާސްކޮޅު ނިޔުޅައިލައި ބަލައިލިއިރު އާދައިގެ ހުދު ކަރުދާސްކޮޅެއްގައި ފަންސުރަކުން ލިޔެފައިވަނީ މިހެންނެވެ.

“ތުއްތު ދަރިވަރެވެ! އިސްކޫލަށްވަދެ ކޮއްކޮ ދާންޖެހޭ ކުލާހަށް ގޮސް އަކުރު ކިޔަން ދަސްކުރާއިރު ކޮންމެ އަކުރަކަށް ވަރަށް ޚާއްސަ އަޑެއްވާކަން ކޮއްކޮއަށް އެނގޭނެއެވެ. ކޮންމެ އަކުރެއް އެ އަކުރެއް ކިޔަންޖެހޭ ގޮތަށް ކިޔައި އެއް އަކުރާއި އަނެއް އަކުރާއި ގުޅުވަން ދަސްވުމުން ކުރު ލަފްޒު ކިޔަން ދަސްވާނެއެވެ. ކިޔަން ދަސްވުމުން އަކުރުތަކުގެ ބޭނުން އެ ދަސްވީއެވެ! ބަލައިގެން ކިޔަން ދަސްވުމަކީ ވަރަށް މަޖާކަމެކެވެ! އެއީ، ކޮއްކޮ ބަލައިލި ކޮންމެ ދިމާއަކުން ތަފާތު ލިޔުން ފެންނަން ހުންނާނެތީއެވެ! ލިޔެފައިވާ އެއްޗެހީގެ މާނަ މި ދޭހަވަނީ ކިޔަން އެނގުމުންނެވެ. ފޮތްފޮތުގެ އިތުރުން، މަގުމަތިން ފެންނަ ބޯޑުތަކާއި އިޝްތިހާރު ތަކާއި އޮފީސް އޮފީހާއި ގޭގޭގެ ނަން އަމިއްލަޔަން ކިޔަން އެނގޭނެއެވެ.

މިހެން ކިޔަން އާދަވުމުން ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮއްކޮއަށް ކުދި ފޮތްކިޔަން ފެށިދާނެއެވެ. އިންސާނުންނަށް އެނގެން ބޭނުންވާ ހުރިހާ އެއްޗެއްގެ މައުލޫމާތު ފޮތްފޮތުން ލިބޭނެއެވެ! ކޮއްކޮ ހޯދަން ބޭނުން ކޮންމެ އެއްޗެއް ފޮތްފޮތުން ހޯދޭނެއެވެ. ކިޔަން ފަށާދުވަސްކޮޅު ކިޔަން އުނދަގޫ ލަފުޒު ވެސް ފެންނާނެއެވެ. ބައެއް ލަފްޒު ކިޔާނެ ގޮތެއް ނުވެސް އެނގޭނެއެވެ. ނަމަވެސް އެއީ މާ ގިނަދުވަހު ނުފިލައި ހުންނާނޭ ދަތިކަމެއް ނޫނެވެ! ފޮތް ކިޔައި ފޮތުން މައުލޫމާތު ހޯދާން ދަސްވުމަކީ ވަރަށް މަޖާކަމެކެވެ! އުފާވެރި ދުވަސްތަކަކަށް އެދެމެވެ! “

ދުވަހަކު ވެސް ބައްދަލުވެފައިނުވާ މީހެއްގެ ހިތްހެޔޮކަމުން މި ދެމައިންގެ ދުވަސްކޮޅު ވަރަށް އުފާވެރި ދުވަސްކޮޅަކަށް ވެއްޖެއެވެ. ހޭލާހުރި ކޮންމެ ވަގުތެއްގައި އިސްކޫލަށް ދާން ބިރުންއުޅޭވާހަކަ ދެއްކި ތުއްތު އެލާ މިޗެލް މިހާރު ހުންނަނީ އިސްކޫލަށް ދާހިތުންނެވެ! އަކުރު ދަސްކޮށް ކިޔަން ފެށޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ! މި ތުއްތު ދަރިފުޅު އޭނާގެ މަންމަ ގާތުގައި އިރުއިރުކޮޅާ އެއްކަލަ ނޯޓު އަލުން އަދި އެއްފަހަރު ކިޔައިދީބަލާށޭ ބުނެއެވެ. މިހެން ބުނާ ކޮންމެފަހަރަކު ކިޔައިދޭތީ، މިހާރު އެ ނޯޓުގައިވާ ކޮންމެ ލަފުޒެއް ތުއްތު ދަރިފުޅު ހިތުދަސްކޮށްފިއެވެ!

ނޫސްވެރިޔަކު މިވާހަކަ އަޑު އަހައިގެން މިވާހަކަ އޮޅުންފިލުވުމުން ތުއްތު އެލާ މިޗެލްގެ މަންމަ ބުނީ އެ ކަރުދާސްކޮޅު ލިބުނު ވަގުތު އެމީހާގެ މޫނަށް ބަލައިނުލެވުނު ނަމަވެސް، މި ވާހަކަ އިޖުތިމާއީ ވިޔުގަތަކުގައި ދެކެވެން ފެށިފަހުން ކޮންމެވެސް މީހެއްގެ ފަރާތުން އެ ނޯޓު ލިޔުނީ ކާކުކަން އެނގި، މިހާރު އެމީހާއަށް ޝުކުރު އަދާކޮށްފިކަމުގައެވެ! މަންމަވެސް ޝުކުރު އަދާކުރީ ލިޔުމުންނެވެ!

ޖެހިލުންނުވެ ކިތަންމެ ކުޑަނަމަވެސް ހެޔޮކަމެއް ކުރެވޭތޯ ބަލަމާތޯއެވެ! އެ ހެޔޮކަމުގެ ކުޑަބޮޑުމިން މިނާނީ އަޅުގަނޑުމެނެއްނޫނެވެ. ދުވަހަކު ވެސް ބައްދަލުވެފައިނުވާ މީހެއްގެ ހިތްހެޔޮކަމުން އެ ތުއްތު ކުއްޖާއަކީ ގިނައިން ފޮތްކިޔައި، ފަހުން ފޮތްލިޔާނޭ ކުއްޖަކަށްވުން ވެސް ހަމަ އެކަށީގެންވޭ ނޫންތޯއެވެ!
* މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.