English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ނަމާދުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެ މިސްކިތް ހުޅެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

“އަންނަ ހުކުރު ދުވަހުން ފެށިގެން ސަލްމާން މިސްކިތިގައި ނަމާދުކުރަން ފަށާނެ. އެކަމަކު ރަސްމީކޮށް މިސްކިތް ހުޅެވޭނެ ދުވަހެއް ނޭނގެ. އެއީ އެ މިސްކިތް ރަސްމީކޮށް ހުޅެވޭނީ ސައުދީގެ ވަފުދެއް ރާއްޖެ އައިސްގެން.” މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި އިމާރާތްކުރި ކިންގ ސަލްމާން މިސްކިތް ނިމިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އެ މިސްކިތް ނުހުޅުވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ސަރުކާރަށް އަމާޒުވަމުން އަންނާތީ، ސަރުކާރުން ކުރިންވެސް ބުނެފައިވަނީ އެ މިސްކިތް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރުގެ ހުއްދަ ނުލިބިގެން ކަމަށެވެ.

އެހެންނަމަވެސް އަންނަ ރަމަޟާން މަހު އެ މިސްކިތުގައި ނަމާދު ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިސްކިތް އެޅުމަށް 25 މިލިއަން ޑޮލަރު ޚަރަދު ކުރިއިރު އޭގެތެރެއިން ސައުދީން 14.5 މިލިއަން ޑޮލަރު ދިން އިރު، ބާކީ ބައި ޚަރަދު ކުރީ ދިވެހި ސަރުކާރުންނެވެ.

މިދިޔަ ރަމަޟާން މަހު ވެސް އެ މިސްކިތް ހުޅުވަން މަސައްކަތް ކޮށްފައިވާއިރު، އެ މިސްކިތަކީ 10،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކި ބޭނުންތަކަށް ބޭނުންކުރެވޭ ހޯލުތަކެއް ގާއިމުކޮށްފައިވާއިރު ހަ ފަންގިފިލާ ހުރެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ޤްރުއާން ކިޔަވައިދޭ ސެންޓަރަކާއި ކްލާސްރޫމްތައް ވެސް ސަލްމާން މިސްކިތުގައި ހުރެއެވެ.