English Edition
Dhivehi Edition

އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި، މާސްކް ނާޅައި އެއްވުންތައް ކުރިއަށް ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން މިއަފު ފުލުހުން މިރޭ ނެރެފައިވާ ބަޔާނުގައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން ހުއްޓުވަން އަންގާފައިވާ ކަމަށެވެ.

” މި ވަގުތަކީ ކޮވިޑް-19 އަށް ރާއްޖެ އިން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސާވިސް އިން އިލްތިމާސްކޮށް ހަނދުމަ ކޮށްދެން،” ފުލުހުންގެ ބަޔާނުގައިވެ އެވެ

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިން ވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިންތިޒާމްތައް ރާވަން މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައިވަނިކޮށެވެ.