ބ. އަތޮޅު ސްކޫލްގެ މިއަހަރުގެ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް އެސްކޫލްގެ 10 ގެ ދަރިވަރު އިސްމާއިލް ޖާސިމް ހޮވައިފިއެވެ.
ޖާސިމް އަށް މިމަގާމް ޙަވާލު ކޮށްފައިވަނީ އެ ސްކޫލްގެ އިސްވާރުން އަދި ޕީޓީއޭ އިފްތިތާޙް ކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ސްކޫލްގައި ބޭއްވި ޚާާއްޞަ ރަސްމިއްޔާތެއްގައެވެ.
ބ. އަތޮޅު ސްކޫލްގެ “ހެދޭކުރި” ސްޓޫޓެންޑް ކައުންސިލް ޓީމަށް އަލަށް ހޮވުނު މެމްބަރުންނާއި ސްކޫލްގެ ޔަންގްލީޑަރސް އަދި ޕީޓީއޭ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ވެސް މި ހަފްލާގަައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސްޓޫޓެންޓް ކައުންސިލްގެ ސްކޫލް ލީޑާރސް އަށް ހޮވުނު ދަރިވަރުންނަށް މަގާމުގެ ލިޔުމާއި ސޭޝް ޙަވާލުކޮށްދެއްވެވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.
ކެޕްޓަން ކަމުގެ މަގާމަށް ޖާސިމް ހޮވިފައިވާއިރު ޑެޕިޔުޓީ ކެޕްޓަނަށް ހޮވިފައިވަނީ ފާތިމަތު މީޝާ އަދި ޔޫސުފް އައިދިން މުޙައްމަދެވެ. މީގެ އިތުރުން ސްކޫލްގެ އެކިއެކި ކްލަބުތަކަށާއި ޕްރިފެކްޓް ބޯޑާއި ހައުސްތަކުގެ އިސްމަގާމުތަކަށާއި ޔުނީފޯމް ހަރަކާތުގެ އިސްމަގާމުތަކަށް ދަރިވަރުން ވަނީ ހޮވާފައެވެ. މި ދަރިވަރުންނަށް މަގާމުގެ ހުވައި ލައިދެއްވެވީ އަލްއުސްތާޒާ އައިމިނަތު އަޙްމަދެވެ.
މި ޖަލްސާގައި އޭއޯ ނިއުސްގެ ސީއީއޯ ވަނީ ސްކޫލެއްގެ ޕްރައިމަރީ މުދައްރިސެއްގެ މަގާމުން މިއަދު ކޮމިޔުނިޓީ ލީޑަރެއްގެ މަގާމަށް ވާސިލް ވުމަށް ކުރެއްވި ބުރަ މަސައްކަތްތައް ދަރިވަރުންނާ ހިއްސާ ކުރައްވަވާ ކާމިޔާބު ލީޑަރަކަށް ވުމަށް ބޭނުންވާނެ މުހިއްމު ސިފަތައް ދަރިވަރުންނަށް ކިޔައިދެއްވަވާފައެވެ.
ސްކޫލްގެ ކެޕްޓަންކަމުގެ މަގާމާ ޙަވާލުވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކެޕްޓަން ޖާސިމް ބުނީ އެއީ ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ މަގާމުގައި ހުރެގެން ސްކޫލަށް ފާހަގަކުރެވޭފަދަ ކާމިޔާބީ ހޯޯދައިދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
ބ. އަތޮޅު ސްކޫލަކީ ދިގު ތާރީޚެއް އޮތް އަދި މާޒީގައި އިލްމީ ގޮތުންނާއި އިތުރު ހަރަކާތުގެ ގޮތުން ފާހަގަކޮށްލެވޭފަދަ ކާމިޔާބީ ހޯދައިފައިވާ ހުނަރުވެރި ދަރިވަރުންތަކެއް ކިޔަވަމުން އަންނަ ސްކޫލެކެވެ.