ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި އެކުދިންގެ ސީދާ ބައިވެރިވުން އޭގައި އެކުލެވެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވެފައި ވަނީ މިއަދު ބަނޑޮސް މޯލްޑިވްސްގައި “ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޑަކުދިންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމުމުގެ މަރުހަލާތަކުގައި އެކުދިންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
އެކަމަނާ ވަނީ ރީޖަނަލް ކޮންސަލްޓޭޝަނުން ޒުވާނުންނާއި އަދި ކުޑަކުދިންނަށް ޚިޔާލު ހޯދުމުގެ ސެޝަނެއް ބާއްވަވާދެއްވާފައި ވާތީ އެކަމަށް ތަޢުރީފުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ)ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ކުރިއެރުންތައް އެގޮތުގައި ހިފެހެއްޓުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން އެކުދިން ހޭލުންތެރިކުރުވުމާއި އެކުދިންނަށް ލިބިފައިވާ ޙައްޤުތަކުގެ ބޭނުން ހިފުމުގައާއި އަދި އެފަދަ ޙައްޤެއް ނިގުޅައިގަނެވޭ ޙާލަތްތަކުގައި އެހީތެރިކަން ހޯދާނެގޮތްތައް ކުދިންނަށް ބުނެދިނުމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެކަމަނާ ވަނީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މުޖުތަމަޢުން އަދާކުރާ ދައުރުގެ އިތުރުން ކުޑަކުދިންގެ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމުޢިއްޔާތަކުން އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކުޑަކުދިންނަކީ މުސްތަޤްބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްޤީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ “ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ”ގައި ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ. މި ކޮންފަރެންސަކީ މި ޤައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ޙިއްޞާކުރުމާއި އަދި މި ސަރަޙައްދުގެ އޮގަނައިޒޭޝަންސްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.